ނިއު ދިއްލީ: އަފްޣާނިސްތާނަށް މިއަދު އެރި 6.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ އަސަރު އިންޑިއާގެ ނިއު ދިއްލީ އަށާއި ގުރްގައޮން އަވަށަށް ވެސް ކޮށްފިއެވެ.
މިބިންހެލުމުގެ ސަބަބުން މިއަދު ހަވީރު 16:30 ހާއިރު ނިއު ދިއްލީ އާއި ގުރްގައޮން ގެ ބިންގަނޑު ގުޑާ، ދިއްލީގެ ބައެއް އުސް އިމާރާތްތައް ވެސް ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު ވަންދެން ގުޑިކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް އެޤައުމުގެ މީޑިއާތަކުން ބުނެފައިވެއެވެ.
ނިއު ދިއްލީ އާއި ގުރްގައޮން ގެ އިތުރުން ޖާއްމޫ، ޕަންޖާބް، ހަރިޔާނާ އަދި ޗަންދިގަރް އަށް ވެސް ބިންހެލުމުގެ އަސަރުކޮށް، ބިންގަނޑު ގުޑިކަމަށް ރިޕޯޓު ކޮށްފައިވެއެވެ. މީޑިއާ ރިޕޯޓުތަކުން ބުނި ގޮތުގައި، ބިންގަނޑު ގުޑަން ފެށުމުން އެއަވަށްތަކުގެ މީހުން އެމީހުންގެ ގޭގެއިންނާއި، އޮފީސްތަކުން އަދި އެނޫންވެސް އިމާރާތްތަކުން، ހާސްކަމާއިއެކު މަގަށް ނިކުމެފައިވެއެވެ.
އިންޑިއާގެ މެޓް އޮފީހުން ބުނިގޮތުގައި ބިންހެލުން އަރާފައިވަނީ އަފްޣާނިސްތާން- ތަޖިކިސްތާން ބޯޑަރާއި ދިމާލުން މިއަދު ހަވީރުގެ ވަގުތެއްގައެވެ. މިބިންހެލުމުގައި އެސަރަޙައްދުން111.9 ކިލޯމީޓަރު އަޑިން ބިންގަނޑު ކަނޑައިގެން ގޮސްފައިވާކަމަށް ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސަރވޭ އިން ބުނެފައިވެއެވެ.