އަމާންދޭ މާއޮސްޓް ހަނގުރާމަވެރިންގެ ކޮންމެ މީހަކަށް ގެއަކާ 5 ލައްކަ ރުޕީސް ދެނީ
ޓެރަރިޒަމްގެ އަމަލުތައް ހިންގުން ހުއްޓައި އަމާންދޭ މާއޮސްޓް ހަނގުރާމަވެރިންގެ ކޮންމެ މީހަކަށް ގެއަކާއި 5 ލައްކަ ރުޕީސް ދޭނެ ކަމަށް އިންޑިއާގެ ކެރަލާ ސަރުކާރުން ބުނެފިއެވެ.
ބުދަ ދުވަހު ސަރުކާރުން ބުނީ ގެއެއް ދެނީ ދިރިއުޅެން ފެށުމަށް ކަމަށާއި ފައިސާ ދެނީ ކޮންމެ މަސައްކަތެއް ކުރަން ފެށުމަށް ކަމަށެވެ. އަދި ހަމައެކަނި ޝަރުޠަކީ މުޖުތަމައުގެ އެހެން މީހުންވެސް އުޅޭ ފަދަ ރިވެތި ދިރިއުޅުމެއް އުޅުން ކަމަށެވެ.
ވަޒީރުންގެ މަޖިލީހުން ވަނީ ހަނގުރާމަވެރިން އޭ، ބީ އަދި ސީ ކެޓަގަރީއަށް ބައިކޮށްފައެވެ. 5 ލައްކަ ރުޕީސް ދެނީ އޭ ކެޓަގަރީއަށެވެ. ބީ އާއި ސީއަށް ދެނީ 3 ލައްކަ ރުޕީސްއެވެ. މީގެ އިތުރުން ކައިެނި ކުރުމަށާއި ކިޔެވުމަށް އިތުރު އެލަވަންސް ދިނުމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ އިނާޔަތް ހޯދާ ހަނގުރާމަވެރިން އިޞްލާޙްވަންދެން ބެލެހެއްޓުމަށެވެ. އެގޮތުން ފައިސާ ލިބުމުން ފިލައިގެން ނުދެވޭނެ ގޮތްތައް ހަމަޖައްސަންވެސް ވަނީ ނިންމައިފައެވެ.