އިންތިޚާބުން ލިބުނު ނާކާމިޔާބީއާއެކު ޕާޓީގެ ރައީސްކަމުން ނަޖީބު ރައްޒާޤު އިސްތިއުފާ ދެއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 27ސ
އިންތިޚާބުން ލިބުނު ނާކާމިޔާބީއާއެކު ޕާޓީގެ ރައީސްކަމުން ނަޖީބު ރައްޒާޤު އިސްތިއުފާ ދެއްވައިފި
މެލޭޝިއާގައި މިދިޔަ ބުދަ ދުވަހު ބޭއްވި އިންތިޚާބުން ލިބުނު ނާކާމިޔާބީއާއެކު، އިންތީޚާބާ ހަމައަށް ވެރިކަމުގައި އޮތް ބަރީޝަން ނޭޝަނަލް އެލަޔަންސް ކޯލިޝަންގެ ޗެއާމަންކަމުންނާއި އެ ކޯލިޝަންގެ މައި ޕާޓީ، ޔުނައިޓެޑް މަލޭ ނޭޝަނަލް އޯގަނައިޒޭޝަން (އަމްނޯ) ގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފިއެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލާލަމްޕޫރުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި، ކޯލިޝަނާއި ޕާޓީގެ އިސް މަޤާމުން އިސްތިއުފާދެއްވިކަން ނަޖީބު ހާމަކުރެއްވިއިރު، ވަގުތީ ގޮތުން ދެން އެ މަޤާމުތަކަށް ހަވާލުވެވަޑައިގަންނަވާނޭ ބޭފުޅުންގެ ނަންތައް ވެސް ނަޖީބު ވަނީ ހާމަކުރައްވައިފައެވެ.

ބަރީޝަން ނޭޝަނަލް އެލަޔަންސް ކޯލިޝަންގެ ޗެއާމަންކަމާއި އަމްނޯ ޕާޓީގެ ރައީސްކަން ވަގުތީ ގޮތުން އަދާކުރައްވާނީ ޑރ.އަހުމަދު ޒާހިދު ހާމިދީއެވެ. ޒާހިދުގެ ނައިބެއްގެ ގޮތުގައި މަސައްކަތް ކުރައްވާނީ ހާޝިމުއްދީން ހުސައިނެވެ.

މެލޭޝިއާގެ އާންމު އިންތިޚާބުން އިދިކޮޅު ޕަކަޓާން ހަރަޕަން އިއްތިހާދުން ކާމިޔާބުކުރެއްވުމުން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވީ މަހާތިރު ބިން މުހައްމަދެވެ. އުމުރުން 92 އަހަރުފުޅުގައި އިންތިޚާބު ކާމިޔާބުކުރެއްވުމުން މަހާތިރު ވެވަޑައިގެންފައިވަނީ ދުނިޔޭގެ އެންމެ ދޮށީ އިންތިޚާބީ ލީޑަރަށެވެ.

މަހާތިރަކީ 1981 ވަނަ އަހަރުން 2003 ވަނަ އަހަރަށް ބަރީޝަން ނޭޝަނަލް އެލަޔަންސް ކޯލިޝަންގެ ޗެއާމަންގެ ގޮތުގައި މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެހެން ނަމަވެސް، މަހާތިރު ފަހުން އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތީ ވެރިކަންކުރާ ޕާޓީގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބޮޑުވުމުންކަމަށް ވިދާޅުވެއެވެ.

ކޯލިޝަންގެ ޗެއާމަންކަމުންނާއި ޕާޓީގެ ރައީސްކަމުން ނަޖީބު އިސްތިއުފާ ދެއްވާފައި މިވަނީ، ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ޤައުމުން ބޭރަށް ދަތުރުކުރެއްވުން އޭނާއަށް މަނާކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
މިއަދު އޮންލައިން