ހައިދަރްއާބާދު- އިންޑިއާގައި އުމުރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު މީހަކާ ކައިވެނި ކުރުވުމުން ހައިދަރްއާބާދުގެ ފުލުހުންނާއި ބައެއް ސޯޝަލް ވޯކަރުން އެއަންހެން ކުއްޖާ ސަލާމަތް ކޮށްފިއެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރު ގްރޭޑް 10 ގައި ތައުލީމް ހާސިލް ކުރަމުންދިޔަ އެއަންހެން ކުއްޖާއަކީ ކިޔެވުމުގައި ވެސް މަތީ މާކްސް ހޯދަމުން ދިޔަ ކުއްޖެކެވެ.
އޭނާގެ މައިންބަފައިން އޭނާގެ ކައިވެނި ކުރުވީ ހައިދަރްއާބާދުގައި އެމީހުން ތިބި ގޭގެ ވެރިމީހާގެ ދަރިއަކާއެވެ. އެއީ އުމުރުން 38 އަހަރުގެ އަދި ޚާއްސަ އެހީއަށް ވެސް ބޭނުންވާ ފިރިހެނެއްކަމަށް ރިޕޯޓުތަކުގައިވެއެވެ.
ރަމޭޝް ގުޕްތާ ނަމަކަށް ކިޔުނު އެފިރިހެންމީހާއާއި އަންހެން ކުއްޖާ ކައިވެނި ކޮށްދޭނެ ކަމަށް އަންހެން ކުއްޖާގެ މައިންބަފައިން ވައުދުވެފައިވަނީ މިދިޔަ އަހަރުއެވެ. އެއީ އެގޭގެ ކުލި އެމީހުންނަށް ދެއްކޭނެ ގޮތެއް ނުވުމުން ގޭގެ ވެރިމީހާ (ރަމޭޝްގެ ބައްޕަ) ހުށަހެޅި ހުށަހެޅުމެއް ކަމަށް އަންހެން ކުއްޖާގެ މައިންބަފައިން ބުނެފައިވެއެވެ.
ފުލުހުންނާއި ސޯޝަލް ވޯކަރުން މިކައިވެނި ހުއްޓުވުމަށް ކައިވެނީގެ ރަސްމިއްޔާތު ބޭއްވުނު ފައްޅިއަށް ދިޔައިރު، އުމުރުން 15 އަހަރުގެ އަންހެންކުއްޖާ އާއި ރަމޭޝްގެ ކައިވެނިވަނީ ކުރެވިފައެވެ. ނަމަވެސް އެމީހުންވަނީ ވަގުތުން އެއަންހެން ކުއްޖާ އެތަނުން ގެންގޮސްފައެވެ.
މިހާރު އެއަންހެން ކުއްޖާ ބަހައްޓާފައި ހުރީ އަންހެން ކުދިން ބަލަހައްޓަމުން ގެންދާ ގެއެއްގައެވެ.
ކުޑަކުއްޖެއްގެ ކައިވެނި ކުރުވަން އުޅުމުގެ ކުށުގައި ރަމޭޝްގެ މައިންބަފައިންގެ މައްޗަށްވަނީ ދައުވާ އުފުލާފައެވެ.