ފްލައިޓް އެޓެންޑެންޓުންނަކީ ޚިދުމަތް ދިނުމުގައި ޤްރްބާންވަމުން އަންނަ ބައެއް ނަމަވެސް އެމީހުންގެ މަސައްކަތު މާހައުލަކީ އެހައި ރައްކާތެރި މާހައުލެއް ނޫންކަން ހާމަވެއްޖެއެވެ. މިދިއަ އަހަރުގެ ރެކޯޑްތަކަށް ބަލާއިރު ކޮންމެ 5 މުވައްޒިފަކުން 1 މުވައްޒިފަކަށް މިދިއަ އަހަރު ވަނީ ގޯނާ ކުރުމުގެ މައްސަލަތައް ކުރިމަތިވެފައެވެ.
29 އެއާލައިނެއްގެ 3،500 މުވައްޒިފުންގެ މެދުގައި ކޮށްފައިވާ ސަރވޭއަކުން އެނގޭ ގޮތުގައި 68 އިންސައްތަ މުވައްޒިފުންނަށް ވަނީ އެމީހުންގެ ވަޒީފާގެ މުއްދަތުގައި ކޮންމެވެސް ސިފައެއްގައި ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ކުރިމަތިވެފަައެވެ. ނަމަވެސް މީގެ ތެރެއިން މައްސަލަ ރިޕޯޓްކޮށްފައިވަނީ 7 އިންސައްތަ މުވައްޒިފުންނެވެ.
އެމުވައްޒިފުންނަށް ކޮށްފައިވާ ގޯނާތަކުގެ ތެރޭގައި ހަޑިހުތުރު ބަހުން މުޢާމަލާތުކުރުމުގެ އިތުރުން މޭމަތީގައާއި ގައިގައި އަތްލުން ފަދަ އަމަލުތައްވެސް ވަނީ ކޮށްފައެވެ.
މިފަދަ މައްސަލަތައް އިތުރުވަމުން އަންނާތީ ބައެއް އެއާލައިންތަކުން މިހާރު ގެންދަނީ ފިރިހެން އެޓެންޑެންޓުން އިތުރުކުރަމުންނެވެ. އެހެންކަމުން މިހާރު އެޓެންޑެންޓުންގެ 20 އިންސައްތައަކީ ފިރިހެނުން ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
ފްލައިޓު އެޓެންޑެންޓުންގެ ތެރެއިން ގިނަ މުވައްޒިފުން ބުނެފައިވަނީ މައްސަލަތައް ރިޕޯޓް ނުކުރަނީ ރިޕޯޓްކުރިނަމަވެސް މެނޭޖްމަންޓުން އަޅައިނުލާތީ ކަމަށެވެ.