ނިއުދިއްލީ: އިންޑިއާއަށް އަރާފައިވާ ތޫފާނުގެ ސަބަބުން އިއްޔެއާއި ހަމައަށް އެޤައުމުން 60 މީހުން މަރުވެއްޖެކަމަށް ރިޕޯޓުތަކުން ހާމަވެއެވެ.
ތޫފާނުގެ ސަބަބުން ވިދާ ގުގުރުމާއިއެކު ބޯކޮށް ވާރޭވެހި އަދި ގަދަ ވަޔާއެކު ބައެއް ރުއްގަހާއި ގަސްތައްވެސް އޭގެ ބުނޑުން ލުހިގެން ވެރިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ބައެއް އިމާރާތްތައް ވެސް ފުނޑުފުނޑުވެފައިވާ ކަމަށް ރިޕޯޓުތަކުން ހާމަވެއެވެ.
ތޫފާނުގެ ސަބަބުން އެޤައުމުގެ އުއްތަރު ޕްރަދޭޝް، އަންދްރަ ޕްރަދޭޝް، ޓެލަންގަނާ، ދެކުނު ބެންގާލް އަދި ނިއު ދިއްލީ އިން މީހުން މަރުވެފައިވެއެވެ.
އެޤައުމުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވަނީ ކުރިއަށް އޮތް 48 ގަޑިއިރާ 72 ގަޑިއިރާއި ދެމެދު އިންޑިއާގެ އުތުރާއި ދެކުނަށްވެސް ގުގުރުމާއެކު ބޯކޮށް ވިއްސާރަވާނެއެވެ. މީގެއިތުރުން ފަރުބަދަތަކާއިވީ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިތޫފާނުގެ ސަބަބުން ގެއްލުމެއް ލިބިދާނެކަމުގެ އިންޒާރު ވެސް އިންޑިއާގެ މޫސުމާއިބެހީ އިދާރާއިން ވަނީ ބުނެފައެވެ.