ރެކޯޑް އަދަދަކަށް ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށް އަދި ރެކޯޑް އަދަދެއްގެ މީހުންގެ ގައިން ލޭ އޮހޮރުވުމާއިއެކު އެމެރިކާ އެމްބަސީ ޤްދުސަށް މިއަދު ބަދަލުކޮށްފިއެވެ.
ޔަހޫދީ ސިފައިން މިއަދު ވަނީ ފަލަސްޠީނުގެ 52 މީހުން ޝަހީދުކޮށް 2400 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފައެވެ. ޔަހޫދީ ސިފައިން މިއަދުވެސް ވަނީ ސީދާ ލައިވް ވަޒަން ޖެހުމުގެ އިތުރުން އަތުބޮމުންވެސް ހަމަލާދީފައެވެ.
ޣާޒާގެ ހޮސްޕިޓަލްތަކުގައި ފަރުވާދޭނެ ވަސީލަތްތައް ނެތްއިރު މިހައި ގިނަ ބައަކު އެއްފަހަރާ ޒަޚަމްކޮށްލުމުން ފަރުވާ ދިނުމަށް ވަނީ ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެފައެވެ. ބްލަޑް ބޭންކްތަކުން ލޭ ހުސްވުމުން ލޭ ހަދިޔާ ކުރެވެން ތިބި އެންމެން ލޭ ހަދިޔާ ކުރުމަށް ވެސް ހޮސްޕިޓަލްތަކުން ވަނީ ގޮވާލައިފައެވެ.
ފަލަސްޠީނު ރައްޔިތުންނާއި އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން އިޒްރޭލުގެ 50 ވަރަކަށް ރައްޔިތުން މިއަދު މެންދުރު ވަނީ ބޯޑަރު ސަރަހައްދިއުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އިޒްރޭލް ސިފައިން ވަނީ ބާރުގެ ބޭނުންކޮށް އެކަންވެސް ހުއްޓުވައިފައެވެ.
ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުން މިއަދު މުޒާހަރާކޮށްފައިވަނީ އެމެރިކާ އެމްބަސީ ޤުދުސަށް ބަދަލުކުރާތީ އެކަމާއި ދެކޮޅު ހެދުމުގެ ގޮތުންނާއި 1948 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ފޭރިގެންފައިވާ ބިންތައް އަނބުރައި ލިބެންޖެހޭނެ ކަމަށް ބުނެއެވެ.