އިންޑިއާގެ ބްރޯޑްކާސްޓިން މިނިސްޓަރުކަމުން ސްމިރްތީ ވަކިކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 30ސ
އިންޑިއާގެ ބްރޯޑްކާސްޓިން މިނިސްޓަރުކަމުން ސްމިރްތީ ވަކިކޮށްފި
އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރުގެ މަޤާމުން ސްމިރްތީ އިރާނީ ވަކިކޮށްފިއެވެ.

އިންޑިއާގެ ޓީވީ ސިލްސިލާތަކުގައި އެކްޓްކޮށްފައިވާ ކުރީގެ މަޝްހޫރު ބަޠަލާ ސްމިރްތީ ބްރޯޑްކާސްޓިން މިނިސްޓަރުކަމުން ވަކިކުރި ސަބަބެއް އިންޑިއާ ސަރުކާރުން ހާމައެއް ނުކުރެއެވެ.

ސްމިރްތީ އެ މަޤާމުން ވަކިކުރެއްވުމަށްފަހު، އޭނާ ޒިންމާތައް އަދާކުރެއްވުމަށް ވަގުތީ ގޮތުން ވަނީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ރަޖިވަރްދަން ރާތޯޑްއާ ހަވާލުކޮށްފައެވެ.

އިންޑިއާގެ ބްރޯޑްކާސްޓިން މިނިސްޓަރުކަމުން ސްމިރްތީ ވަކުކުރި ނަމަވެސް އޭނާ އަދިވެސް ހުންނެވީ އިންޑިއާގެ ޓެކްސްޓައިލް މިނިސްޓްރީގެ މިނިސްޓަރުގެ މަޤާމުގައެވެ.

ބްރޯޑްކާސްޓިން މިނިސްޓަރުކަމުން ސްމިރްތީ ވަކިކޮށްފައި މިވަނީ، އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ފާޑުކިޔުން އެ މިނިސްޓްރީއަށް އަމާޒުވެ، މިނިސްޓްރީ ތެރޭގައި ސްމިރްތީ ނުފޫޒުގަދަ ކުރާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.

ސްމިރްތީ ވަނީ 2014 ވަނަ އަހަރުން 2016 ވަނަ އަހަރުގެ ނިޔަަލަށް، އިންޑިއާގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަޤާމު ވެސް ފުރުއްވައިފައެވެ. އަދި އޭގެ ކުރިން ސްމިރްތީ ވަނީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ވެސް އަދާކުރައްވައިފައެވެ.

ސްމިރްތީއަކީ ދިވެހިންގެ ތެރޭގައި ވެސް ނަން މަޝްހޫރު ފަންނާނެކެވެ. ސްމިރްތީ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ އެކްތާ ކަޕޫރުގެ ޓީވީ ސިލްސިލާ "ކިޔުކީ ސާސް ބީ ކަބީ ބަހޫތީ" ގައި އޭނާ އަދާކުރެއްވި "ތުލްސީ" ގެ ރޯލުންނެވެ.
މިއަދު އޮންލައިން