ސަރުކާރުން ދިން ބޮޑު އިނާޔަތާއެކު ދުބާއީގެ ކާބޯތަކެތި ވިއްކާ ފިހާރަތަކުން 75 އިންސައްތަ ޑިސްކައުންޓާއެކު ވިއްކަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ސަރުކާރުން ދިން ބޮޑު އިނާޔަތާއެކު ދުބާއީގެ ކާބޯތަކެތި ވިއްކާ ފިހާރަތަކުން 75 އިންސައްތަ ޑިސްކައުންޓާއެކު ވިއްކަން ފަށައިފި
ދުބާއީގެ ސަރުކާރުން ރަމަޟާން މަހަށްޓަކައި ދިން ބޮޑު އިނާޔަތާއެކު ދުބާއީގެ ކާބޯތަކެތި ވިއްކާ ފިހާރަތަކުން 75% ޑިސްކައުންޓާއެކު ކާބޯތަކެތި ވިއްކަން ފަށައިފި އެވެ.

ދުބާއީގެ އަމީރު ވަނީ ރައްޔިތުންނަށް ޢާންމުކޮށް ބޭނުންވާނޭ މުދަލުގެ އަގުތައް ރަމަޟާން މަހަށްޓަކައި ހެޔޮ ކުރެއްވެވުމަށް 75 މިލިއަން ދިރުހަމްގެ އިނާޔަތެއް ވިޔަފާރިތަކަށް ހަމަޖައްސަވައި ދެއްވައިފައެވެ.

މިއަދުނޫހުގެ ކިޔުންތެރިން ހަނދުމަފުޅު ހުންނާނެ ފަދައިން އަމީރުގެ ސީދާ އަމުރަށް ފުރަތަމަ ކުރެވުނު ކަމަކީ ފިހާރަތައް ބަލައި ފާސްކޮށް ޤަވާއިދާއި ޚިލާފަށް މުދާ ވިއްކާ ފިހާރަތަކުގެ ވެރިން ޖުރުމަނާ ކުރުމެވެ. އެގޮތުން މުއްދަތުހަމަވެފައި ހުރި މުދަލާއި މުދަލުގެ ލޭބަލާއި އެއްފެންވަރަށްވުރެ ކޮލިޓީ ދަށް މުދަލާއި މިފަދައެތައް މުދަލެއް ޖުރުމަނާކޮށް މި ހިނގާ މެއި މަސް ފެށުމުގެ ކުރިން ވަނީ ބޮޑެތި އަދަދުތަކުން ޖުރުމަނާ އަތުލައިފައެވެ.

ރައްޔިތުންނަށްޓަކައި ބޮޑެތި ޑިސްކައުންޓްތަކާއިއެކު މިހާރު ހެޔޮ އަގުގައި މުދައު ވިއްކަމުން އެގެންދަނީ ވިޔަފާރިވެރިން ކުރި ޖުރުމަނާއިން ބައިކުޅަބައެއް ވިޔަފާރިވެރިންނަށް އިނާޔަތުގެ ގޮތުގައި ދީގެންނެވެ. ދައުލަތުގެ ބަޖެޓަށް އިތުރަށް ފައިދާވެސް ލިބޭ ގޮތަށެވެ.

ޖުރުމަނާ ކޮށްލުމުން ދައުލަތަށް ލިބުނު އަދަދުގެ 80 އިންސައްތަ އެހެރީ ދައުލަތުގެ ތިޖޫރީއަށް ވަދެފައެވެ. 20 އިންސައްތަ ހޭދަކޮށް ރައްޔިތުން ހެއްވައިލީއެވެ. ދެން ހުރި 80 އިންސައްތަ ވެސް ބޭނުން ކުރެވޭނީ ހަމަ މިފަދަ ގޮތަކުން ރައްޔިތުން ހެއްވާލުމަށެވެ.

އަމީރު މުޙައްމަދު ބިން ރާޝިދު އަލްމަޚްތޫމްގެ އެންމެ ޚާއްޞަ މިނިސްޓްރީއަކީ ވެސް ރައްޔިތުން ހެއްވުމާއިބެހޭ މިނިސްޓްރީއެވެ. ދުބާއީ ރައްޔިތުން އެ ތިބީ މިއަދުވެސް އުފަލުން ފޮޅުފައެވެ. މުލަ ރޯދަ ދުވަހަށް ބެނުންވާ އެތިކޮޅު 75 އިންސައްތަ ޑިސްކައުންޓުގައި ލިބޭތީއެވެ.
މިއަދު އޮންލައިން