ކިއުބާގެ ވެރިރަށް ހަވާނާގެ ޖޯސް މާޓީ އެއާޕޯޓުން ނައްޓާލި މަތިންދާބޯޓެއް މާއިރުތަކެއް ނުވެ، ވެއްޓި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އެއާޕޯޓުން މި މަތިންދާބޯޓު ނައްޓާލީ 105 ފަސިންޖަރުންނާއި 9 ފަޅުވެރިންނާއެކުގައެވެ.
ފަސިންޖަރުންގެ ތެރޭގައި އެންމެ ގިނައީ ކިއުބާ މީހުންކަމަށްވީއިރު، އޭގެ ތެރޭގައި އާޖެންޓީނާގެ ދެ މީހުންނާއި، މެކްސިކޯ ބަޔަކު ތިބިކަމަށްވެއެވެ. ފަސިންޖަރުންގެ ތެރޭގައި 5 ކުޑަކުދިން ވެސް ތިބިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާގައި 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ދިރިތިއްބައި ސަލާމަތުން ފެނިފައިވަނީ އެންމެ ތިން މީހުންކަމަށްވެއެވެ. އެހެން ނަމަވެސް، އެ މީހުންގެ ހާލަތު ވެސް ވަރަށް ދަށްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކިއުބާގެ ސިވިލް އޭވިއޭޝަންއާ ހަވާލާދީ މީޑިއާތަކުގައި ބުނެފައިވަނީ، އެ ބޯޓު ވެއްޓުނު ސަރަހައްދަށް ކަމަބެހޭ ފަންނީ މީހުން ގޮސް ވެއްޓުމަށް މެދުވެރިވި ސަބަބުތައް ހޯދުމުގެ ތަހުޤީޤު ފަށާފައިވާކަމަށެވެ.
މި ހާދިސާގައި ވެއްޓުނު "ބޮއިންގ 737" މަރުކާގެ މަތިންދާބޯޓަކީ 1979 އެއްހާ ތަނުގައި އުފައްދައި ބޭނުންކުރަމުންދާ ވަރަށް ބާވެފައިވާ މަތިންދާބޯޓެއްކަމަށްވެއެވެ.
ކިއުބާގެ ރައީސް މިގުއެލް ޑަޔާޒް ކަނެލް ވަނީ އެ ބޯޓު ވެއްޓުނު ސަރަހައްދަށް ވަޑައިގެން ބައްލަވާލައްވައިފައެވެ. އަދި ރައީސް ވަނީ އެ ހާދިސާގައި މަރުވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ތައުޒިޔާ ވެސް ފޮނުއްވިއެވެ.