އެމެރިކާގެ ޓެކްސަސްގައި ހުންނަ ސެންޓާ ފޭ ހައި ސްކޫލްގައި ބަޑިޖަހައިގެން 10 މީހަކު މަރާލައި، 10 މީހަކު ޒަހަމްކޮށްލައިފިއެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ހުކުރު ދުވަހު އެ ސްކޫލްގައި މީހުންނަށް ބަޑީގެ ހަމަލާތައް ދީފައިވަނީ، އެ ސްކޫލްގައި ކިޔަވަމުންދާ 17 އަހަރުގެ ދަރިވަރެކެވެ.
އޭނާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ސްކޫލް ތެރޭގައި އޭނާ މީހުންނަށް ހަމަލާދީފައިވަނީ 38 ކެލިބާ ރިވޯލްވަރު ބަޑިއަކުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ، އޭނާ ބޭނުންކުރި ރިވޯލްވަރު ބަޑިއަކީ އޭނާގެ ބައްޕަ ލައިންސަސްކޮށް ގަނެގެން ގެންގުޅޭ ބަޑިއެއް ކަމަށެވެ.
ބަޑި ޖަހައިގެން ޒަހަމްކޮށްލި 10 މީހުން ވެސް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ދަރިވަރުގެ ހަމަލާތަކުގައި މަރުވި އަދި ޒަޚަމްވި މީހުންނާއި އެ މީހުންގެ ޢާއިލާތަކަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ތައުޒިޔާ ފޮނުއްވައިފައެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގައި މިފަދަ ހާދިސާތައް މަދުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށެވެ.
އެމެރިކާގެ ސްކޫލްތަކުގައި ދަރިވަރުންގެ ފަރާތުން ދޭ ބަޑީގެ ހަމަލާތަކުގެ ހާދިސާތައް ދިމާވުން ފަހަކަށް އައިސް ވަނީ އާންމު ކަމަކަށް ވެފައެވެ.