އަފްޣާނިސްތާންގެ ޖަލާލްއާބާދުގައި ހުންނަ ސްޕިންހާރު ކްރިކެޓް ސްޓޭޑިއަމްގެ ތެރެއަށް ދިން ބޮމުގެ ހަމަލާތަކެއް 8 މީހުން މަރުވެ 45 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.
އެ ކްރިކެޓް ސްޓޭޑިއަމްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ އޮތް މެޗެއް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު އެ ސްޓޭޑިއަމް ތެރެއަށް ވަދެ ތިއްބައި، ތިން ފަހަރެއްގެ މަތިން ބޮމުގެ ހަމަލާދީފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި މެޗު ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މެޗުގެ އޮފިޝަލުން ވެސް ހިމެނެއެވެ.
އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ ވަނީ މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ.
ރަމަޟާން މަހާ ދިމާކޮށް ބާއްވަމުންދިޔަ މުބާރާތެއްގެ މެޗެއް ކުރިއަށްދަނިކޮށް ކްރިކެޓް ސްޓޭޑިއަމަށް ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނެތެވެ.
މި ހަމަލާތަކާއި ތާލިބާނުންނާ އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެ ތާލިބާނުން ވަނީ ބަޔާނެއް ނެރެފައިވައިރު، ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރި ދުވަސްވަރުގައި ކްރިކެޓަކީ އެ ޤައުމުގައި ކުޅުން މަނާ ކުޅިވަރެކެވެ.