އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދިން ހަމަލާތައް ބައިނަލްއަޤްވާމީ ފެންވަރެއްގައި ތަހުޤީޤުކުރުމަށް މިނިވަން ކޮމިޝަނެއް އުފެއްދުމަށް އދ.އިން ނިންމައިފިއެވެ.
އދ.އިން މި ގޮތަށް ނިންމާފައިވަނީ، އިއްޔެ ބޭއްވި އެ ޖަމިއްޔާގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ބައްދަލުވުމަށްފަހުގައެވެ. އެ ބައްދަލުވުމުގައި އދ.އިން ވަނީ އިޒްރޭލްގެ މައްސަލަ ތަހުޤީޤުކުރުމަށް މިނިވަން ކޮމިޝަނެއް އުފެއްދުމަށް ޤަރާރެއް ފާސްކޮށްފައެވެ. އެ ޤަރާރު ފާސްވެފައިވަނީ 29 މެންބަރު ޤައުމުތަކުގެ ވޯޓުންނެވެ. އެ ޤަރާރާ ދެކޮޅަށް ވޯޓުދިނީ ހަމައެކަނި އޮސްޓްރޭލިއާއާއި އެމެރިކާއިންނެވެ. އެ ވޯޓުގައި 14 މެންބަރު ޤައުމަކުން ބައިވެރިވެފައެއް ނުވެއެވެ.
އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ މިދިޔަ ހޯމަ ދުވަހު ވަނީ ގުދުސްއަށް ބަދަލުކޮށްފައެވެ. އެއިރު އިޒްރޭލާއި ޤާޒާއާ ގުޅޭ ބޯޑަރު ކައިރީ މުޒާހަރާކުރަމުން ދިޔަ ފަލަސްތީނު ރައްޔިތުންނަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި 62 މީހަކު ޝަހީދުވެފައިވެއެވެ.
އެއަށްފަހު "ގްރޭޓް މާޗް ފޮ ރިޓާން" ގެ ނަމުގައި ފަލަސްތީން ރައްޔިތުން ކުރި މުޒާހަރާގައި 106 އެއްހާ މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. އަދި އެ މުޒާހަރާތަކުގައި އިޒްރޭލް ސިފައިން ދިން ހަމަލާތަކުން 12،000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.
އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސަށް އެމެރިކާއިން ބަދަލުކޮށްފައިވަނީ އެކަން ނުކުރުމަށް ދުނިޔޭގެ ގިނަ ޤައުމުތަކުން ގޮވާލަމުން ދަނިކޮށެވެ.