މާޒިޔާ ބަލިކޮށް އީގަލްސް ލީގުގެ ދެވަނައަށް
އެސްޓީއޯ މާލޭ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއިން އީގަލްސް މޮޅުވެއްޖެއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ހަމަހަމަ އެޓޭކިން ކުޅުމެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފައެވެ. އެ ގޮތުން، މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) އާއި ނާއިޒް ހަސަން (ދާދު) އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
އޭގެ އިތުރުން، އީގަލްސްގެ އިބްރާހިމް މުބީން (މުއްކޮ) އާއި، އަހުމަދު ރިޒުވާން (ރިޖޭ) އާއި، ލުއިޒް އެޑްއާޑޯގެ ފަރާތުން ވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ގޮސްފައިވެއެވެ. ދެ ޓީމުން ވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ދެ ޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ މެޗުން މޮޅުވުމަށްޓަކައި އެޓޭކިން ކުޅުމެއް ކުޅުމަށް މަސައްކަތްކުރި ތަނެވެ. އެ ގޮތުން، މި ހާފުގައި ވެސް ދެ ޓީމުގެ ކުޅުންތެރިން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދައެވެ، ދެ ޓީމުން އުފެއްދި ހަމަލާތައް ދިފާއުކުރުމުގައި ދެ ޓީމުގެ ގޯލްކީޕަރުންގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ފޯރިގަދަ މި މެޗުގެ ލީޑު އީގަލްސްއިން ނެގީ މެޗުގެ 86 ވަނަ މިނެޓުގައެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި އެ ލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖުމައިލް ޖަމީލެވެ.
ރޭގެ މެޗުން މޮޅުވުމާއެކު، ލީގު ތާވަލުގެ ދެވަނައިގައި އީގަލްސް އޮތީ 18 ޕޮއިންޓާއެކުގައެވެ. ރޭގެ މެޗުން ބަލިވި މާޒިޔާ އޮތީ 17 ޕޮއިންޓާއެކު ތިންވަނައިގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި 22 ޕޮއިންޓާއެކު އޮތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.
މިރޭ ވެސް މާލޭ ލީގުގެ މެޗެއް ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅޭނެއެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާއެވެ.