ފަލަސްތީނުގެ ރައީސް މި ހަފުތާ ތެރޭ ތިންވަނަ ފަހަރަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 9ސ
ފަލަސްތީނުގެ ރައީސް މި ހަފުތާ ތެރޭ ތިންވަނަ ފަހަރަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް މި ހަފުތާގައި ތިންވަނަ ފަހަރަށް ހޮސްޕީޓަލްގައި އެޑްމިޓްކުރައްވައިފިއެވެ.

އައްބާސް އެޑްމިޓްކުރައްވާފައިވަނީ ހުޅަނގު އައްސޭރިގެ ރާމަﷲ ގައި ހުންނަ އިސްތިޝާރީ އަރަބް ހޮސްޕިޓަލްގައެވެ.

އުމުރުން 83 އަހަރުގެ އައްބާސް އެޑްމިޓްކުރެއްވި ސަބަބާ ބެހޭގޮތުން ފަލަސްތީނުގެ ސަރުކާރުން މާ ބޮޑު ތަފުލީސެއް ދެއްވާފައި ނެތް ނަމަވެސް މިއީ އައްބާސް މި ހަފުތާގައި އެޑްމިޓްވި ތިންވަނަ ފަހަރެވެ.

މިދިޔަ އަންގާރަ ދުވަހު ކަންފަތުގެ އޮޕަރޭޝަނަކަށް އެޑްމިޓްކުރެއްވިއިރު، އޭގެ އެއް ދުވަސް ފަހުން ހުންގަދަ ވެގެން އެޑްމިޓްކުރެއްވިއެވެ. އައްބާސް އަލުން ދޫކޮށްލުމަށްފަހުގައި ވެސް ހުންގަދަ ވެގެން މިދިޔަ ހޮނިހިރު އަލުން އެޑްމިޓްކުރެއްވިކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.

އާލާސްކަންފުޅާ އުޅުއްވާތީ، މިދިޔަ ހުކުރު ދުވަހު ތުރުކީގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސަމިޓްގައި ވެސް އައްބާސް ބައިވެރިވަޑައިގަނެފައެއް ނުވެއެވެ. އެ ސަމިޓަކީ އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސްގައި ހުޅުވި މައްސަލައާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ސަމިޓެކެވެ.

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއަކީ މީގެ ކުރިން ހިތުގެ މައްސަލަތަކާއި ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯއްދަވާފައިވާ ބޭފުޅެކެވެ.


މިއަދު އޮންލައިން