އިންޑިޔާގެ ރާޖިސްތާނަކީ ހަރުކަށި ފިކުރެއް ގެންގުޅޭ އަދި މުސްލިމުންނާއި ނުހަނު އިދިކޮޅު ބައެއްކަން ގިނަ ބަޔަކަށް އެނގިފައިވެއެވެ. މުސްލިމުން މިދުނިޔެއިން ނައްތާލުމަކީ އެމީހުން ހިތުނިޔަތް ގަނެގެން ތިބޭފަދަ ކަމެކެވެ.
އެއަވަށުގައި ދިރިއުޅުނު ޠައްޔިބާ ސަމަދު އަކީ އެބިރުވެރިކަމާއި ކުރިމަތިލާން ޖެހުނު ޒުވާން އަންހެން ކުއްޖެކެވެ.
ނުހަނު ކުޑައިރު އެއަވަށުން ބޭރު މުސްލިމު ވިޔަފާރިވެރިއަކަށް އޭނާގެ ބައްޕަ އޭނާ ދިނީ، ޠައްޔިބާގެ އާއިލާއަކީ މުސްލިމު އާއިލާއަކަށް ވުމުން ލިބެމުންދިޔަ އަނިޔާތަކުން ޠައްޔިބާ ރައްކާތެރިކުރުމުގެ ނިޔަތުގައެވެ.
ނަމަވެސް ކަންތައްވީ އެއަށްވުރެ ނުބައި ކޮށެވެ.
އުމުރުން އެންމެ 14 އަހަރުގައި މައިންބަފައިންނާއި ވަކިވި ނަމަވެސް ދީނީ ކަންކަމަށް ޠައްޔިބާ ފުރިހަމައަށް ތަބާވިއެވެ. އެގޮތުން ގަވައިދުން ނަމާދުކޮށް ރޯދަ ހިފައެވެ. އަދި މަޑުމައިތިރި ކަމާއިއެކު މެނުވީ އެއްވެސް މީހަކާ މުޚާތަބް ނުކުރެއެވެ.
ޠައްޔިބާގެ ބައްޕަ އޭނާ މުސްލިމަކާއި ހަވާލުކުރި ނަމަވެސް، އެމީހާގެ ނުބައިކަމުން ޠައްޔިބާ ރާޖެސްތާނުގައި ދިރިއުޅުނު ހިންދޫ ދެމަފިރިއަކަށް ވިއްކާލިއެވެ.
އެމީހުން އެންމެ ފުރަތަމަ ވެސް ބޭނުންވީ ޠައްޔިބާ އިސްލާމްދީން ދޫކޮށް އެމީހުންގެ ދީން ޤަބޫލު ކުރާށެވެ. އެކަމަށް އެކުއްޖާ ދެކޮޅު ހެދުމުން އޭނާއަށް އެކިކަހަލަ އަނިޔާކޮށް ދުއްތުރާ ކުރިއެވެ.
އޫރު މަހަކީ މުސްލިމުންނަށް ޙަރާމް އެއްޗެއްކަން އެނގިހުރެ، ޠައްޔިބާއަށް އޫރު މަސް ކާން ދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މާތް ﷲ ގެ އިރާދަފުޅާއިއެކު އެކުއްޖާއަށް އެކަން އެނގިގެން، އޭނާ އެގެއިން އެއްވެސް ކަހަލަ މަހެއް ކެއުން ހުއްޓާލިއެވެ.
އޭގެ ފަހުން ޠައްޔިބާއަށް އަނިޔާކޮށް، ކާން ނުދީ ގިނަ ވަގުތު ބަހައްޓާ އަދި ނަމާދު ކުރާއިރު ކުރި މަތިން ހިނގުމާއި ކުރިމަތީގައި ބުދު ބެހެއްޓުން ފަދަ ކަންކަން ކުރިއެވެ.
ރޮއެ އާދޭސް ކުރާ ހާލު އެކަންކަން ކުރުން ހުއްޓާލުމަށް އެދުމުން، އެމީހުންގެ ޝަރުތަކަށްވީ ޠައްޔިބާ އިސްލާމްދީން ދޫކޮށްލުމެވެ.
އެހިނދު އޭނާ ބުންޏެވެ. "ރަސޫލާ (ޞޢޥ) އަށް ޤުރެއިޝުން ވެސް ނުހަނު ދުއްތުރާތައް ކުރިއެވެ. އެހެންނަމަވެސް އެކަލޭގެފާނު ކެތްތެރިވެ ވަޑައިގަތެވެ. އަހަރެންވެސް އިން-ޝާ ﷲ ކެތްތެރި ވާނަމެވެ."
އެހާލުގައި އުމުރުން 18 އަހަރު ވަންދެން ޠައްޔިބާ ކެތްކުރިއެވެ. ލިބެމުން ދިޔަ އަނިޔާތަކުން އޭނާ ސަލާމަތްވީ 1994 ވަނަ އަހަރުގެ ރަމަޟާން މަހެއްގެ އޮނަހިރި ރޭތަކުން 25 ވަނަ ރޭގައި، ޢިޝާ ނަމާދު ކުރަން ސަޖިދައިގާ އޮއްވައެވެ.