އުމުރުން 56 އަހަރުވެފައިވާ ޒައިލާ، ގޮހޮރުގެ ތަފާތު ބަލިތަކަށް ފަރުވާކުރަމުން އަންނަތާ މިއީ 8 ވަނަ އަހަރެވެ. އޭނާއަކީ އެމެރިކާގެ ވޮޝިންގޓަނުގައި ދިރިއުޅޭ އަންހެނަކަށްވާތީ ފަރުވާ ހޯދަމުން އަންނަނީވެސް އެންމެ ޕްރޮފެޝަނަލް ޑޮކްޓަރުންގެ ކިބައިންނެވެ.
މިއަހަރުގެ ރަމަޟާން މަސް އައިސް ކައިރި ވުމުން ޒައިލާ ވަނީ ތަފާތު 3 ހޮސްޕިޓަލަކުން 3 ޑޮކްޓަރުންނަށް ދައްކައި އޭނާއަށް މިއަހަރު ރޯދަ ހިފޭނެ ގޮތެއް އޮންނާނެތޯ ސުވާލުކޮށްފައެވެ. 3 ތަނުގެ ޑޮކްޓަރުންވެސް ބުނީ ރޯދަ ހިފައިފިނަމަ ވަރަށް ސީރިއަސް ވެދާނެ ކަމަށެވެ. ހުޅުވިފައި އިންނަ ކޮންމެވެސް ވޭލްވަކުން "ގޭސް ލީކުވެ ބަނޑުގައި އަލިފާން ރޯވެދާނެ" ކަމަށެވެ. (ވައިގެ އުނދަގޫ ބޮޑުވެ ނުއުޅެވޭވަރު ވެދާނެ ކަމަށެވެ.)
ޒައިލާގެ ވިސްނުން މުޅިން ތަފާތެވެ. "ބަނޑުގައި ގޭހެއް ހުރިނަމަ އެ ވެސް ލެއްވެވީ މާތް ﷲ އެވެ. ވޭލްވެއް ހުޅުވި ނުލެއްޕި އިންނަނަމަ އެކަން މެދުވެރިކުރެއްވެވީ ވެސް ހަމަ އިނބަ ﷲ އެވެ. ރޯދަ ފަރުޟުކުރެއްވެވީވެސް ހަމަ އިނބަ ﷲ އެވެ. އެހެންވީމާ އަޅެ ރޯދައެއް ހިފައިލެވޭތޯ ބަލާނީއެވެ. ނުހިފިއްޖެނަމަ ދޫކޮށްލައި ފަރުވާ ހޯދާނީއެވެ. ހަމަ ޤައިމުވެސް މާތް ﷲ އެންމެ ބޮޑަށް ލޯބިކުރައްވަވާ އަޅުކަން ކޮށްގެން މަރެއް ނުވާނެއެވެ. މަރުވި ނަމަވެސް އެއީވެސް މައްސަލައެއް ނޫނެވެ. މަރުވުމުން މަލާއިކަތް ބޭކަލުން ފުރާނަ ގެންދަވާނީ ރޯދަ ފަރުޟުކުރެއްވެވި މާތް ﷲ ގެ ޙަޟްރަތަށެވެ. ވީއިރު އެވަރުކަމަކާ ހުރެ ކަންބޮޑުވާންވީ ކީއްވެގެންހެއްޔެވެ؟
މުލަ ރޯދަވިލޭރޭ ތަރާވީސް ނަމާދުކުރުމަށްފަހު ޒައިލާ އަވަސްވެގަތީ އެނާއަށް ރޯދަ ހިފޭނެ ހާލަތު މިންވަރުކޮށްދެއްވެވުން އެދި ދުޢާ ކުރުމަށެވެ. އެއަށްފަހު ފުރަތަމަ ދުވަހުން ފެށިގެން ހިފައި 10 ރޯދަ ހަމަކުރުމަށްފަހު ޑޮކްޓަރުންނަށް ދެއްކިއެވެ.
ޓެސްޓްތައް ހެދުމަށްފަހު 3 ހޮސްޕިޓަލުގެ ޑޮކްޓަރުންވެސް ބުނީ ކުރިއަށްވުރެ މިހާރު ރަނގަޅު ކަމަށާއި އަަބަދު ހުޅުވިފައި އިންނަ ވޭލްވް ވެސް ބަންދުވަމުން އެއިގެ ޒާތުގައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ރޯދަ ނުހިފައި ކެތްކޮށްލުމަށެވެ. ޤަވާއިދުން ބޭސް ކެއުމަށެވެ.
ޑޮކްޓަރުންގެ ކުރިމަތީގައި ހިނިތުންވެ ހުރެ ޝުކުރު އަދާކޮށްފައި ދިއައީއެވެ. ރޯދަ ހިފާ ވާހަކައެއް ނުބުނެއެވެ. ޒައިލާގެ އުންމީދަކީ 6 ރޯދަވެސް ހިފުމަށްފަހު އަލުން ޓެސްޓްތައް ހަދައި ބަލައިލުމެވެ.
ގެއަށް ގޮސް ވަންތަނާ ޑޮކްޓަރު ގުޅާފައި ބުނީ ވަރަށް އަވަހަށް ހޮސްޕިޓަލަށް އައިސް ދިނުމަށެވެ. ދިއުމުން ބުނީ ރޯދަ ހިފިންކަން ނުވަތަ ނޫންކަން ތެދަށް ބުނުމަށެވެ. ޒައިލާ އަނގައިން ނުބުނެ އިރުކޮޅަކު މަޑުކޮށްލުމުން ޑޮކްޓަރު ބުނީ އޭނާއަށް ލިބުނު މައުލޫމާތެއް ޔަޤީންކުރަން ބޭނުންވާ ކަމަށެވެ.
"އަހަރެން މި ސުވާލު މިކުރަނީ އަހަރެންގެ އެހީތެރިއަކަށް ވަނީ ޒައިލާ ރޯދަ ހިފާކަން އެނގިފަކަމަށް އޭނަ ބުނާތީ. އޭނާ އެވާހަކަ ބުނީ ޒައިލާ ދިއަތާ އިރުކޮޅެއްފަހުން. އަނބުރާ އަންނަން އެދެން ޖެހުނީތީ މާފަށް ވެސް އެދެން." ޑޮކްޓަރު ބުންޏެވެ.
ޒައިލާ ޤަޞްދުކުރީ ހުރިހާ ވާހަކައެއް ހަމަ ތެދަށް ކިޔައިދޭށެވެ. މާތް ﷲ އަށް ދުޢާ ކުރުމަށްފަހު އެނާ ރޯދަ ހިފަމުން ގެންދާ ކަމާއި އަދި ހަމަ އެންމެ ރޯދައެއް ވެސް ދޫނުކުރާ ކަމަށް ކިޔައިދިނެވެ.
ހުރިހާ ވާހަކަތަކެއް ވަރަށް ކަނުލައި އަޑުއެހުމަށްފަހު ޑޮކްޓަރު ބުނީ މަދު ބަސްކޮޅެކެވެ. "އިންސާނުން ވެސް އުފެއްދެވީ ވަކިފަރާތަކުންނެވެ. އެހެންވީމާ އިންސާނާގެ މައްޗަށް ހުރިހާ ކޮންޓްރޯލެއް އޮންނާނީ އެފަރާތުގައިތައެވެ! އަދި އެފަރާތަކީ ޒައިލާގެ ދުޢާ އިޖާބަ ކުރެއްެވެވި ފަރާތް ކަމަށްވުން ކައިރިއެވެ."
ޮޑޮކްޓަރު ނިންމައިލީ ޒައިލާ އާއިއެކު އިތުރަށް މަޝްވަރާކުރާނެކަމަށް ބުނެފައެވެ. ޒައިލާ ބުނީ އެވާހަކަތައް ދެއްކިއިރު، އެ ފިނި ކޮޓަރީގައި އިން އިރުވެސް ޑޮކްޓަރުގެ ނިތްކުރިން ހުރީ އޮއްދާ ހިއްލާފައި ކަމަށެވެ.