އަވައްޓެރި ޝްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަަބަބުން މިހާތަނަށް 23 މީހުން މަރުވެއްޖެއެވެ.
ލަންކާ ޑިޒާސްޓާރ މެނޭޖްމަންޓް ސެންޓަރުނ ހާމަކުރި ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން 23 މީހުން މިހާތަނަށް މަރުވެފައިވާއިރު، އެކަމުގެ އަސަރު 150،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ކޮށްފައެވެ. މީގެއިތުރުން މިވިއްސާރައިގެ ސަބަބުން ދެ މީހަކު ގެއްލިގެން ހޯދަމުންދާއިރު 10 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށް ވެސް އެސެންޓަރުން މައުލޫމާތު ހާމަކޮށްފައިވެއެވެ.
މިވިއްސާރައިގެ އަސަރު ލަންކާގެ 19 ޑިސްޓްރިކްޓަކަށް ވަނީ ކޮށްފައެވެ. އަދި ޖުމްލަ 14،265 އާއިލާއަކުން 55،553 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ލަންކާއަށް މޫސުން ގޯސްވެ، ކުރަމުންދާ ވިއްސާރައިގެ ސަބަބުން 4،708 ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
ލަންކާގެ ނޭޝަނަލް ބިލްޑިންގް ރިސާޗް އޯގަނައިޒޭޝަނުން ބުނެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ބިންގަނޑު ކަހައިގެން ދިއުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާ ކަމަށެވެ.