ޖޯޖް ހާބަޓް ވޯކާ ބުޝް އަނެއްކާ ވެސް އެޑްމިޓްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 18ސ
ޖޯޖް ހާބަޓް ވޯކާ ބުޝް އަނެއްކާ ވެސް އެޑްމިޓްކޮށްފި


އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ހާބަޓް ބުޝް (ސީނިއާ ބުޝް) އަނެއްކާ ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ.

ބުޝް އަނެއްކާ ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ ލޭގެ ޕްރެސަރު ދަށްވެ ހަށިކޮޅުގެ ވަރުދެރަވާން ފެށުމުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އުމުރުފުޅުން 93 އަހަރުގެ ބުޝް އެޑްމިޓްކޮށް ފަރުވާދެއްވަމުން ގެންދަވަނީ މެއިން ސްޓޭޓްގައި ހުންނަ ސަދާން މެއީން ހެލްތްކެއާ ސެންޓަރުގައެވެ. ބުޝް އަލުން އެޑްމިޓްކުރެއްވީ އިއްޔެގެ ވަގުތެއްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން ވެސް ބުޝް ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައެވެ. އެ ފަހަރު ބުޝް އެޑްމިޓްކުރެއްވީ ލޭގައި އިންފެކްޝަނެއް އުފެދުމުގެ ސަބަބުންނެވެ. އެއީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި، އެމަނިކުފާނުގެ އަނބިކަނބަލުން ބާބަރާ ބުޝް އަވަހާރަވެ އެކަމަނާގެ ޖާނާޒާ ބޭއްވިތާ ދުވަހެއް ފަހުންނެވެ.

ޖޯޖް ހާބަޓް ވޯކާ ބުޝްއަކީ އެމެރިކާގެ 41 ވަނަ ރައީސެވެ. އެމަނިކުފާނު އެ ޤައުމުގެ ރައީސްކަން ކުރެއްވީ 1989 ވަނަ އަހަރުން 1993 ވަނަ އަހަރާ ހަމައަށެވެ. އޭގެކުރިން ބުޝް ވަނީ 1981 ވަނަ އަހަރުން ފެށިގެން 1989 ވަނަ އަހަރާ ހަމައަށް އެ ޤައުމުގެ ނައިބު ރައީސްކަން ވެސް ކުރައްވައިފައެވެ. ޖޯޖް ހާބަޓް ވޯކާ ބުޝްއަކީ، އެމެރިކާގައި 2001 ވަނަ އަހަރުން 2009 ވަނަ އަހަރާ ހަމައަށް ރައީސްކަން ކުރެއްވި ޖޯޖް ވޯކާ ބުޝްގެ ބައްޕާފުޅު ވެސް މެއެވެ.





މިއަދު އޮންލައިން