ރަމަޟާން މަހުގެ ދުވަހެއްގެ މެންދުރެއްހައި އިރެވެ. އަލީ އާބްޒާރީގެ ރައްޓެހިންތަކެއް ބޭކަރީ އަކާއިއެކު ހިންގާ ރެސްޓޯރަންޓަކަށް ވަނީ ރޯދަ ވީއްލަން ބޭނުންވާ ބައެއް ސާމާނު ގަތުމަށެވެ. ވަންތަނާ ފެނުނީ ޢަލީ ކާން އިންދައެވެ.
އެމީހުން ގޮސް ޢަލީގެ ޙާލު އަހައި އުޅެނީ ބަލިވެތޯ ސުވާލުކުރުމުން އަލީގެ ރުޅި ދިއައީ އިންތިހާއަށް އަރައިގެންނެވެ. އޭނާ އެހައި ރުޅިގަދަވީ ވަރަށް ސިއްރުން ކަމަށް ހީކޮށް ކުރެވުނު ކަންތައް އެންމެ ގާތް އެކުވެރިންނަށް ފަޅައި އެރުމުންނެވެ.
ޢަލީ ބުނީ ރޯދަ މަސް ނަމަވެސް ކާންވީމާ ކާނެ ކަމަށެވެ. ބޯންވީމާ ބޯނެ ކަމަށެވެ. ރޯދައަށް ހުންނަން ބޭނުންވީމާ ރޯދައަށްވެސް ހުންނާނެ ކަމަށެވެ. އެއީ އެއްވެސް މީހަކާއި ބެހޭ ކަމެއް ނޫން ކަމަށާއި އެއީ އޭނާގެ މިނިވަންކަން ކަމަށެވެ.
އެވަގުތު އެކަކު ސުވާލުކުރިއެވެ. މާތް ﷲ ރޯދަ ފަރުޟު ކުރެއްވެވީ އެމީހަކު ހިފަން ބޭނުންވާ ދުވަހަކު ހިފާފައި ހިފަން ބޭނުން ނުވާ ދުވަހު ނުހިފައި ދޫކުރުމުގެ އިޚްތިޔާރު ދެއްވަވާފައެއް ނޫނެވެ. އެހެންވީމާ ތިއަ ކުރެވުނީ ރަނގަޅުކަމެއް ނޫނެވެ. އަދި ތިއަ ބުނެވުނީ ރަނގަޅު ބަސްތަކެއްވެސް ނޫނެވެ. ކައި ހަމަޖެހިލައިގެންނަމަވެސް ފުންކޮށް ވިސްނައިލާށެވެ. އެއިރުން ވިސްނޭނެއެވެ. އަހަރެމެންނަކީ ހެޔޮ އެދޭ ރަޙްމަތްތެރިންވީމައި މިވާހަކަ ބުނެލީއެވެ. ހަމަ ޔަޤީނުންވެސް މާތް ﷲ ދެއްވަވާފައި ނުވާ މިނިވަންކަމެއްގެ ބޭނުން ހިފުމުގެ ހައްޤު ހަމަ އެކަކަށްވެސް ދެއްވާފައެއް ނުވެއެވެ.
ޢަލީ ރުޅި އަންނަވަރުގެ ބަހެއް އަދި އަހަރެމެން ނުބުނަމެއް ނޫންހެއްޔެވެ؟ ރޯދަމަހު ދުވާލު މެންދުރު ތިއަ ގޮތަށް ކާން އިންދައި ފެނުނީމާ ބަލިވެ ރޯދަ ނުހިފުނީ ކަމަށް ހީކޮށް އެވާހަކަ އަހައިލުމަކީ އަދި ތިއަވަރަށް ރުޅި އަންނަން ޖެހެންވީ ސަބަބެއްވެސް ނޫނެއް ނޫން ހެއްޔެވެ؟
ޖަވާބުގައި ޢަލީ ބުނީ ކަލޭމެން އެހެން ކޮންމެވެސް މީހަކު ހޯދައިގެން ދީނީ ނަޞޭޙަތް ދިނުމަށެވެ. އޭނާ ކަންކަން ކުރަންޖެހޭނެ ގޮތް އެނގޭނީ އޭނާއަށް ކަމަށެވެ. އެކަމާއި ބެހެވޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ.
ޢަލީގެ ޖަވާބާއިއެކު ރަޙްމަތްތެރިން އޭނާއަށް ހެޔޮ ދުޢާކުރުމަށްފަހު ނުކުމެގެންދިއައީއެވެ. ނުކުމެ ބަހަށް އިންތިޒާރުކޮށްގެން ތިއްބައި ކުއްލިއަކަށް އިވުނީ ކާރެއްގެ ފުރޮޅު ކަހައިލި އަޑެވެ. އެއަޑާއިއެކު ފެނުނީ މީހަކު ވިއްސައިގެން މައްޗަށް އެރިތަނެވެ. އޭނާ "ތަތްވީ" ކައިރީގައި ހުރި އިމާރާތެއްގެ ފާރުގައި 30 ވަރަކަށް ފޫޓު މަތީގައެވެ.
މީހުންގަނޑު އެތަނަށް އެއްވުމުން މިމީހުންވެސް އެތަނަށް ދިއައެވެ. އޭނާއަށްވީގޮތެއް ބަލައިލުމަށެވެ. އެއިރު އެކްސިޑެންޓްވީ މީހާ އޮތީ ޕޭމަންޓްމަތީގައި ބާއްވާފައެވެ. މޫނު ޗިސްވެފައި އޮތްވަރުން ކާކުކަން ވަކިކުރަން އެހައި ފަސޭހަ ނޫން ނަމަވެސް ހަށިގަނޑާއި ލައިގެންހުރި ހަދުމަށް ބެލުމުން އެއީ ޢަލީކަން އެނގުނެވެ.
ޢަލީ ގޮވައިގެން ހޮސްޕިޓަލަށް ދިއައީ ވެސް އަލީގެ ރަޙްމަތްތެރިންނެވެ. ފާރުގައި ވިދުނު ބާރުކަމުން ޢަލީގެ މޭގެ ބައެއް ކަށިތައް ވަނީ ބިނދިފައެވެ. ކާރުން ޖެހުނު ބާރުކަމުން އުނަގަނޑުގެ ބައެއް ކަށިތައް ވެސް ވަނީ ބިނދިފައެވެ.
ޢަލީއަށް 4 މަސް ދުވަހު ހޮސްޕިޓަލުގެ އަސީޔޫގައި އޮންނަން ޖެހުނެވެ. ހޮސްޕިޓަލުން ދޫކޮށްލީ އުނގަނޑުން ތިރި ވާގިނެތިފައިވާ މީހެއްގެ ގޮތުގައެވެ. އެއިގެ އިތުރުން މޭގެ ބައެއް ކަށިތައް ފުއްޕާމެއަށް ހެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކަކީ އެކުގައި ފިލުވައި ނުލެވޭނެ ގެއްލުންތަކެއް ކަމަށް ބުނެފައެވެ.
(މިއީ 2005 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހިނގާފައިވާކަމަށް ބުނެ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހަކު ކިޔައިދިން ވާހަކައެކެވެ.)