މިއީ އޮސްޓްރޭލިއާގެ ސިޑްނީ އަށް އުފަން އަލީ ބަނާތު، ނިޔާވުމުގެ ކުރިން އޭނާ ރިކޯޑު ކޮށްފައިވާ ވީޑިއޯ އެކެވެ. ދުނިޔޭގައި ހުރި އިރު ރިކޯޑުކުރި މިވީޑިއޯ އާންމުންނަށް ހާމަކޮށްފައިވަނީ، އޭނާ ނިޔާވުމަށް ފަހުގައެވެ. އެއީ އޭނާގެ ހުރިހާ މުސްލިމް އަޚުންނާއި އުޚްތުންނަށް އޭނާދޭ އެންމެ ފަހުގެ މެސެޖެއްގެ ގޮތުން، އެފަދައިން އަލީ ބަނާތު ވަސިއްޔަތް ވެސް ކޮށްފައިވުމުންނެވެ.
އަލީ ބަނާތު އަކީ ވަރަށް ވެސް ތަނަވަސް ދިރިއުޅުމެއް އުޅެމުން އައި މުސްލިމު ޒުވާނެކެވެ. ނަމަވެސް އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުމުންނާއި، ދުނިޔޭގައި ހުރުމުގެ މުއްދަތު ކުޑަވެފައިވުމުން، އޭނާގެ ހުރިހާ މުއްސަނދިކަމެއް އޭނާ ޞަދަޤާތް ކުރީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ ފަޤީރުންނަށެވެ. އަލީ އަބަދުވެސް ބުނަމުން ދިޔައީ ކެންސަރު ޖެހުމަކީ ރަނގަޅު ހެޔޮލަފާ މީހަކަށްވުމަށް އޭނާއަށް މާތް ﷲ ދެއްވެވި ނިއުމަތެއް ކަމުގައެވެ.
އޭނާވަނީ ފޭސްބުކް ގައި "އެމްއޭޓީޑަބްލިއު ޕްރޮޖެކްޓް" (މުސްލިމްސް އަރައުންޑް ދަ ވޯލްޑް ޕްރޮޖެކްޓް) ގެ ނަމުގައި ޕޭޖެއް ވެސް ހަދާފައެވެ.
އަލީގެ އެންމެ ފަހު މެސެޖު:
"ތިޔަ ހުރިހާ ފަރާތްތަކަށް ވެސް އެނގޭނޭ ފަދައިން، އަލްޙަމްދުލިﷲ އަހަރެން މިވަނީ މިދުނިޔެއަށް އަލްވަދާއު ކިޔާފައެވެ. މިކުޑަ ވީޑިއޯ ކްލިޕް ހެދުމުގެ ބޭނުމަކީ، އަހަންނަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް ވެސް ޝުކުރު އަދާ ކުރުމެވެ.
މާތް ﷲ ތިޔަ އެންމެހާ ފަރާތްތަކަށް ވެސް ބަރަކާތް ލައްވާށި. އަދި އިން-ޝާ ﷲ ތިޔަ ހުރިހާ ފަރާތްތައްވެސް އަހަންނަށާއި އެމްއޭޓީޑަބްލިއު އަށް އަބަދުވެސް ހިތްވަރުދެއްވާށި.
ލޮބުވެތި އަޚުންނާއި އުޚްތުންނެވެ. އަހަރެން ތިޔަ އެންމެހާ ފަރާތްތަކަށް ވެސް ކުޑަ ނަސޭހަތެއް ދޭން ބޭނުންވެއެވެ.
ތިޔަ އެންމެހާ ފަރާތްތަކަށް ވެސް އެނގޭނޭ ފަދައިން، އަހަރެންގެ އަތުގައި މިދުނިޔެމަތީގައި ހުރިހާ އިއްޒަތާއި ޝަރަފަކާއި މުދަލެއް ހުއްޓެވެ. އަހަރެން ބޭނުން ވަރަކަށް ކާރާއި، ގަނޑިއާއި، އައިނާއި އަދި ގެ ވެސް ހުއްޓެވެ. އަލްޙަމްދުލިﷲ
އެކަމަކު ސުބްޙާނަﷲ. އަހަރެން މިބަލީގައި އޮތް އިރު، ވަރަށް ގިނަ މީހުން އަހަރެން ގާތަށް އައިސް، އަހަންނަކީ ހަމަ ޔަގީނުންވެސް ސުވަރުގެވަންތަ ވެރިއެއް ކަމުގައި ބުންޏެވެ. އެމީހުން ބުންޏެވެ. އަހަންނަކީ މުޖުތަމައުއަށް އެހީތެރިވުމުގެ ގޮތުން ވަރަށް ގިނަގުނަ ކަންތައްތަކެއް ކޮށްދީފައިވާ މީހަކަށްވުމުން އަހަންނަށް ސުވަރުގެ ލިބުން ކަށަވަރެވެ.
ދުނިޔެމަތީގައި އުޅުން އިރު، މުދަލާއި ފައިސާ ލިބުމަށްވުރެ، ކޮންމެ ދުވަހަކު މިދުނިޔެއަށް ލޯހުޅުވުމުގެ ނަސީބު ލިބުމާއި އަމިއްލައަށް ފާޚާނާއާއި ހަމައަށް ދެވުމުގެ ބާރު ލިބުމަކީ، އަހަންނަށް ލިބުނު މާބޮޑު ނަސީބެއް ކަމުގައި އަހަރެން ދެކުނީމެވެ.
ތިޔަ އެންމެހާ ފަރާތްތަކުން ވެސް މިދުނިޔޭގައި އުޅޭ މަދު ހިނދުކޮޅުގައި، އަމިއްލަ ލަނުދަނޑިއެއް ހާސިލް ކުރެވޭތޯ މަސައްކަތް ކުރާށެވެ. އަހަރެން ތިޔަ އެންމެހާ ފަރާތްތަކުގެ އަރިހުން އެދެނީ، އެކަކު އަނެކަކަށް އެހތެރިވުމަށެވެ. އަދި މާތް ﷲ މަތިން އަބަދުމެ ހަނދުމަކޮށް ދީނީ ކަންކަމަށް ސަމާލުކަން ދިނުމަށެވެ. އެހެނީ، ދިރިއުޅުމަކީ، މަރަކީ އަދި އާޚިރަތަކީ ވެސް ޖޯކަކަށް ނުވާތީއެވެ."
އަލީ ބަނާތު ނިޔާވީ މިބަރަކާތްތެރި ރަމަޟާން މަހުއެވެ. މީލާދީ ގޮތުން 29 މެއި 2018 ގައެވެ. ގިނަ އަދަދެއްގެ ޝެއިޚުން އޭނާގެ ޖަނާޒާގައި ބައިވެރިވެފައިވެއެވެ.