އިޒްރޭލު ސިފައިން ފަލަސްތީނަށް ދެމުން ގެންދިޔަ ހަމަލާގައި، ޒަޚަމްވަމުން ދިޔަ މީހުންނަށް، އެއްވެސް ބިރެއް ނެތި ފަރުވާ ދިނުމުގައި ހިތްވަރާއިއެކު ކުރިމަތިލި ޒުވާން ނަރުހެއް ކަމުގައިވާ ރަޒާން އަލް ނައްޖާރު ޝަހީދުވި ދުވަހެވެ.
އުމުރުން 21 އަހަރުގެ ރަޒާން އަކީ އަބަދުވެސް އެހެން މީހުންނަށް ރަނގަޅު ރީތި މިސާލެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކަނބަލެކެވެ. މުޅި އާއިލާގެ ފަޚުރު ކަމަށްވާ ރަޒާން، ބިރެއް ނެތި އޭނާގެ ދިރިއުޅުން ހޭދަކުރަމުން ދިޔައީ، އެހެން މީހުންނަށް ފަރުވާ ދިނުމުގައެވެ.
ޒަޚަމްވާ މީހުންނަށް ފަރުވާ ދިނުމުގައި ކޮންމެ ހުކުރު ދުވަހަކު 13 ގަޑިއިރު ރަޒާން ހޭދަކުރާއިރު، އޭގެ ފަހުން ހޮސްޕިޓަލުގައި ވެސް މަސައްކަތް ކުރެއެވެ.
އިޒްރޭލު ސިފައިން ޤައްޒާއަށް ދޭ ހަމަލާގައި ޒަޚަމްވާ ފަރާތްތަކަށް ފަރުވާ ދިނުމުގައި، ބިރެއް ނެތި އަބަދުވެސް ރަޒާން ހަރަކާތްތެރިވާކަމީ، ގިނަ ބަޔަކު އެކަން ފާހަގަކޮށް، އެކަމަށްޓަކައި އޭނާއަށް ސަނާ ކިޔާކަމެކެވެ.
މިފަދަ ހިތްވަރުގަދަ ނަރެހުއް ހަފްތާގެ އެންމެ ބަރަކާތްތެރި ދުވަސް ކަމުގައިވާ ހުކުރު ދުވަހު، ޝަހީދު ކޮށްލާފައިވަނީ ވެސް، އިޒްރޭލު ސިފައިން ދެމުން ދިޔަ ހަމަލާގައި އަނިޔާވި މީހަކަށް ފަރުވާ ދިނުމަށް އެމީހާއާއި ދިމާލަށް ދުވެފައި ދަނިކޮށެވެ.
އޭނާ މަރާލީ ރެބޭކާ ނަމަކަށް ކިޔާ އިޒްރޭލުގެ އަންހެން ސިފައިންގެ މީހެކެވެ. ރެބޭކާ ވަނީ ރަޒާން މަރާލީ އޭނާކަމުގައި ފަޚުރުވެރިކަމާއިއެކު ބުނެފައެވެ.
ރަޒާންގެ މެއަށް ބަޑިޖެހުމުގެ ސަބަބުން މިދުނިޔެއިން އޭނާ ވަކިވެގެން ދިޔަ ކަމުގައިވީ ނަމަވެސް، އޭނާއަކީ މުޅި މުސްލިމު އުއްމަތް އަބަދުވެސް ހަނދާން ކުރާނޭ އަދި އޭނާއަކީ ރަނގަޅު މިސާލެއްގެ ގޮތުގައި އަބަދުވެސް ނަގާނޭ އަންހެނެއްކަން ޔަގީނެވެ. މިކަމުގެ އެއް ހެއްކަކީ، ރަޒާން ޝަހީދުވުމުން ފަލަސްތީނުގެ ރައްޔިތުންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އޭނާމަތިން ހަނދުމަ ކުރުމެވެ.