އެކަށީގެންވާ ވަރަށް ވަސީލަތް ނެތުމުން އިންޑިއާގެ 82 މެޑިކަލް ކޮލެޖަށް މިއަހަރު ދަރިވަރުން ވެއްދުން މަނާކޮށްފިއެވެ. ހެލްތް މިނިސްޓްރީން އަންގާފައިވަނީ މިއަހަރު ފަށަން ހަމަޖެހިފައިވާ ބުރަށް އެއްވެސް ދަރިވަރަކު ވައްދައިގެން ނުވާނެ ކަމަށެވެ.
ހެލްތް މިނިސްޓްރީން ބުނެފައިވަނީ މިފަދަ ފިޔަވަޅެއް އަޅަންޖެހުނީ އެ މިނިސްޓްރީން ބެލި ބެލުމުގައި އެތަންތަނުގައި ކިޔަވައިދޭނެ ވަސީލަތްތައް ވަރަށް ބޮޑަށް މަދުވެފައި ވުމުން ކަމަށެވެ.
ދަރިވަރުން ވެއްދުން މަނާކުރި 82 މެޑިކަލް ކޮލެޖުގެ ތެރޭގައި ސަރުކާރުގެ 12 މެޑިކަލް ކޮލެޖުވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން އެމްބީބީއެސްއަށް ކިޔަވަން މިއަހަރަށް ސީޓް ހޯދައިގެން ތިބި 64،000 ދަރިވަރުންގެ ތެރެއިން 10،000 ދަރިވަރުންނަށް ފުރުޞަތު ގެއްލިގެންދާނެއެވެ.
އަލަށް މެޑިސިން ކިޔަވައިދޭން ފެށުމުގެ ހުއްދައަށް އެދިފައިވާ ސަރުކާރުގެ 31 ކޮލެޖަށާއި އަމިއްލަ 37 ކޮލެޖަށް ހުއްދަ ދޫކުރުން ވަނީ ވަގުތީ ގޮތުން ހިފަހައްޓައިފައެވެ.
އިންޑިއާގެ މެޑިކަލް ކޮލެޖުތަކުގެ ތެރޭގައި އެންމެ ކުރިއަރާފައިވާ ޤައުމުތަކުން ބަލައިގެންފައިވާ ދުނިޔޭގެ އެންމެ ފެންވަރުމަތީ ކޮލެޖުތައްވެސް ހިމެނެއެވެ.