ކަސްބީ އަންހެނަކާއެކު ދަރިފުޅު ނަގާފައިވާ ފޮޓޯއެއް ފެނުމުން ހާޓްއެޓޭކެއްޖެހި މަންމަ މަރުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ކަސްބީ އަންހެނަކާއެކު ދަރިފުޅު ނަގާފައިވާ ފޮޓޯއެއް ފެނުމުން ހާޓްއެޓޭކެއްޖެހި މަންމަ މަރުވެއްޖެ!
އިންސާނުން ކަމަށްވީތީ ފާފަ ވެސް ކުރެވިދާނެއެވެ. މީސްތަކުންގެ ޙާލަތު މިހާރު މިވަނީ ހަމައެކަނި ފާފައެއް ކުރެވޭ ހިސާބަށްވުރެ މާމަތީގައެވެ. ފާފަކުރުން ޢާންމުވަމުން ގޮސް އެއީ ބޮޑު ފަޚުރެއް ކަމަށް ޤަބޫލުކުރާ ހިސާބަށް މިހާރު މިވަނީ ކަންކަން ގޮސްފައެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ޖާހިލުން އުޅުނު ޒަމާނުގައިވެސް ޢާންމު ގޮތެއްގައި ފާފަތައް ކޮށް އުޅުނީ ސިއްރުންނެވެ. ޚާއްޞަކޮށް ޖިންސީ ގުޅުން ހިންގުން ފަދަ ކަންކަމުގައެވެ. ހަށިވިއްކާ އަންހެނުން ފޭލިގެ ޖަހައިގެން ތިބެނީ ވަކިންނެވެ. އެތަންތަނަށް މީހުން ވަދެ ނުކުމެ އުޅުނީ ސިއްރުންނެވެ. އެއީ ތިމާއަށް އެކުރެވެނީ ހަޑި މުޑުދާރު އަމަލެއް ކަމަށް އެމީހުންނަށް ވެސް ޤަބޫލުކުރެވޭތީއެވެ.

ނަމަވެސް މިއަދު ފާހިޝް އަމަލުތައް ހިންގުމަކީ ހަޑިކަމެއް ކަމަކަށްވެސް ނުވެއެވެ. އަރަބިން ފައުޅުގައި ޖުއްބާ ލައިގެންތިބެ އެތަންތަނަށް އެބަވަދެއެވެ. އެހެން މީހުން ބޮޑެތި ކޯޓުތައް ލައި ޓައީ އަޅައިގެން ތިބެ އެފަދަ ތަންތަނަށް އެންމެންގެ ކުރިމަތީގައި އެބަ ވަދެއެވެ.

އެވަރުންވެސް ފުދެނީއެއް ނޫނެވެ. ޢީދު ނަމާދު ފަދަ ބޮޑެތި ނަމާދުތަކަށް ދިއުމަށްފަހު ސެލްފީ ނަގައި ޢާންމުކުރާ އުޞޫލުން އެފަދަ ހަޑިމުޑުދާރުތައް އެބަ ޢާންމުކުރެއެވެ. މާތް ﷲ އަށް ބިރެއް ނެތުމުން ލަދު ހަޔާތްވެސް ނެތީއެވެ.

މިއީ ހަމަ މިރޯދަ މަހު ހިނގާފައިވާ ކަމެކެވެ. ދުބާއީގެ މަންމައަކަށް ފެނުނީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އެފަދަ ހަވޭލީއެއްގައި ކަސްބީ އަންހެނަކާއިއެކު ނަގާފައިވާ ހަޑިމުޑުދާރު ފޮޓޯއެކެވެ. ދަރިފުޅުގެ ފޭސްބުކުގައި ފޮޓޯ އިންދާ ފެނުމުން އައި ރުޅީގައި މަންމައަށް ފޮޓޯ ދެއްކުނީވެސް ދަރިއަކަށެވެ.

މަންމައަށް ބުނެވުނު ހަމައެކަނި ބަހަކީ "އަހަރެން އެކަނިމާއެކަނި ވަރަށް ބުރަ ހާލުގައި ސަލާންޖަހައިގެން ތިއަ ދަރިން ބޮޑުކުރީ އިސްލާމް ދީނުގަ" ކަމަށެވެ. ހޭނެތިގެން މަންމަ ވެށްޓުނީ އެވެ. ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ބަލާފައި ބުނީ ހާޓްއެޓޭކެއް ޖެހި ދުނިޔެ ދޫކޮށްފައިވާ ކަމަށެވެ.

ނިކަން ބުނެބަލާށެވެ! މަންމަގެ ފުރާނައިގެ އަގު އޭނާއަށް ދެވިދާނެ ހެއްޔެވެ؟ ޤިޔާމަތް ދުވަހު އޭނާ އޭނާގެ މަންމައާއި ކުރިމަތިލާނީ ކިހިނަކުންހެއްޔެވެ؟ ﷲ ގެ ޙަޟްރަތުގައި މަންމައަށް ބަދަލު ނުދީ ސަލާމަތްވެވިދާނެ ހެއްޔެވެ؟ އެންމެ ބޮޑަށް ވިސްނަންވީ ﷲ ގެ އަޒާބަށެވެ.

ކޮންމެ މަންމައަކަށް ހާޓް އެޓޭކެއް ޖެހި ވަގުތުން މަރުނުވެދާނެއެވެ. ނަމަވެސް ދަރިންގެ އަމަލުތައް މިފަދައިން ހުންނަނަމަ މައިން ބަފައިން ކުރަމުންދާނެ ހިތާމަތަކަށް ނިކަން ވިސްނައިލަބަލާށެވެ! "ލަވްޔޫ މޮމް" ބުނެ ބައްދައިލާއިރު މަންމަގެ ހިތުގައި އަނދަމުންދާ އަލިފާނުގެ ހޫނުކަން ހަމަ އިޙްޞާޞްވެސް ނުވަނީއެވެ.

ޤިޔާމަތް ދުވަހުން ލިބިދާނެ ގަދަފަދަ އަޒާބު ހިތަށްވެސް ނުގެނެވެނީއެވެ. މިފަދަ އެއްވެސް ކަމެއް އިޙްޞާޞްކުރެވޭ ހަމައެކަކުވެސް މިފަދަ ބޮޑެތި މުންކަރާތްތަކަށް އަރައެއް ނުގަންނާނެއެވެ.

މީސްތަކުންނޭވެ. ފާފައެއް ކުރެވިދާނެއެވެ. ފާފައެއް ކުރެވިއްޖެ ނަމަ އަވަހަށް ތައުބާވާށެވެ. މާތް ﷲ ތިިބާގެ ފާފަ ސިއްރު ކުރެއްވެވި ފަދައިން ތިބާވެސް ސިއްރުކުރާށެވެ! އެކަމަށް ހިތާމަކޮށް ކަރުނައަޅާށެވެ! އެފަދަ ފާފައެއް އަލުން ނުކުރުމަށް އަޒުމް ކަނޑައަޅާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން