ދުބާއީގައި ދިރިއުޅޭ އަރަބި ޤައުމަކަށް ނިޞްބަތްވާ ދެމަފިރިންނެވެ. އުމުރުން 34 އަހަރުގައި ފިރިމީހާއަށް ކިޑްނީގެ މައްސަލަތައް ކުރިމަތިވާން ފެށިއެވެ. 40 އަހަރުވީއިރު ކިޑްނީ ބަދަލުކުރުން ނޫން ދެވަނަ އެއްވެސް ގޮތެއް ނެތެވެ.
ދެމަފިރިންނަކީ މެދުމިނުގެ މުސާރައެއް ލިބޭ ދެމަފިރިންކަމަށްވާތީ ކިޑްނީއެއް ހޯދަން ޚަރަދުކުރާނެ ފައިސާއެއް އަތަކު ނެތެވެ. ދެމަފިރިންގެ ވެސް ޢާއިލާގެ ގިނަ ބައަކު އަހުލީ ހަނގުރާމައިގައި މަރުވެ ގޮސްފައިވާތީ އެހީތެރިކަމަށް އެދޭނެ ފަރާތެއްވެސް ނެތެވެ.
ޓެސްޓްތައް ކުރުމުން ދެމަފިރިންގެ ކިޑްނީ ދިމާވެއެވެ. އަނބި މީހާ ނިންމީ ފިރިމީހާއަށް އޭނާގެ އެއް ކިޑްނީ ހަދިޔާ ކުރުމަށެވެ. 4 ދަރިންނަށްޓަކައިވެސް މެއެވެ. ދެމަފިރިންގެ ލޯބީގެ ގުޅުމަކީވެސް އަލަތު ލޯބީގެ ގުޅުންކަމަށްވާތީ ފިރިމީހާ ދެކެވާ ލޯބީގެ ބޮޑުކަމުންވެސް މެއެވެ.
މި ރަމަޟާން މަސް އައުމުގެ 15 ވަރަކަށް ދުވަސް ކުރިން ވަނީ އޮޕަރޭޝަން ކޮށްފައެވެ. އައިސީޔޫއިން ނެރެ ދެމަފިރިން ކޮޓަރިއަށް ބަދަލުކުރި ރޭ ފިރި މީހާ ވަރަށް ލޯބިން ވާހަކަދައްކަން ފެށިއެވެ. "އަނީސާ ތިއަކޮށްދިނީ ވަރަށް ބޮޑުކަމެކެވެ. އެއްވެސް ޖެހިލުމެއް ނެތި ތިއަ ހަދިޔާ ކުރީ ކިޑްނީއެވެ. އެއީ ހަމަ ފުރާނައިން ބައެއް ހަދިޔާކުރުން ފަދަ ކަމެކެވެ. ހޭ އެރީންސުރެ މިވިސްނަނީ އަނީސާގެ ތިއަ ޤްރްބާނީގެ ބަދަލުގައި ކޮށްދވިދާނެ ކަމަކަށެވެ."
"މިކަމުގެ ބަދަލުގައި މުޙައްމަދު ހަމަ އެއްވެސް ކަމެއް ކޮށްދޭނެ ކަމެއް ނެތެވެ. އެއީ ކުރެވޭނެ ކަމެއްވެސް ނޫނެވެ. މުޙައްމަދަށް ކިޑްނީ ހަދިޔާކުރީ މުޙައްމަދު ދެކެވާ ލޯބިންނެވެ. އަނީސާ މުޙައްމަދަށް ދިން މިއަހަރުގެ ރޯދަ ހަދިޔާ ކަމަށް ބަލާށެވެ. މާތް ﷲ އަށްޓަކައެވެ. މާތް ﷲ ދެއްވަވާނެ ސަވާބަށް އެދިގެންނެވެ. އެވަރު އަނީސާއަށް ފުދި އިތުރުވާނެއެވެ.
އަދިވެސް ބުނަންހެއްޔެވެ! މުޙައްމަދު އެގޮތަށް ކަންތައް ކުރާނެއެކެވެ ނޫނެވެ. ނަމަވެސް މުޙައްމަދު ގަދަވެ ކަންކަން ހަމައަކަށް އެޅުނީމާ ދެވަނަ ކައިވެންޏެއްކޮށް ހަގު އަންބަށް ޚިދުމަތް ކުރަން ނުޖައްސުވާނެ ކަމަކަށް ހަމަ ނުވެސް ވިސްނަމެވެ. އެއީ ކޮންމެހެން މުޙައްމަދު އެގޮތަށް ކަންތައް ކުރާނެތީއެއް ނޫނެވެ. ނަމަވެސް މި ނޫން ވިސްނުމެއްގައި ހުއްޓައި އެފަދަ ދުވަހެއް ދައްކަވައިފި ނަމަ މާބޮޑަށް ދެރަވާންޖެހޭނެތީއެވެ.
މިކަމުގެ ސަބަބުން އެއްވެސް ކަމެއް ނުވާނެ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް ކޮންމެވެސް ގޮތްތަކެއްވެސް ވާނެއެވެ. ބަދަލުތަކެއްވެސް އަންނާނެއެވެ. ދަރިންނާއި މުޙައްމަދުގެ ކަންކަން އޮންނާނީ ފުރިހަމައަށް ކޮށްނުދެވިފައެވެ. އެހެންވީމާ ދެވަނަ ކައިވެންޏެއް އޮންނާނީ ވެސް ވަރަށް ގާތުގައެވެ."
އަނީސާގެ ވާހަކަތައް ނިމުނު އިރު މުޙައްމަދަށް އޮތީ ހަމަ ރަނގަޅަށްވެސް ގިސްލާ ރޮވިފައެވެ. "އަނީސާއެވެ. ތިއަ ދެއްކީ ހަމަ ރަނގަޅު ވާހަކަތަކެކެވެ. ދުނިޔޭގައި މިހާރު ކަންކަން ތިއަ ގޮތަށްވެސް ނުހިނގައެކެވެ ނުބުނާނަމެވެ. މުޙައްމަދުގެ ޖަވާބަކީ އަނިސާ ނޫން އެހެން އަންބަކު ޙަރާމްކުރުމުގެ ހުއްދަ ﷲ ތަޢާލާ ދެއްވަވާނަމަ އެކަން ކުރާނެކަމުގެ ޔަޤީންކަން އަނީސާއަށް ދޭ ވާހަކައެވެ."
ވާހަކަ ނިމުނީ ދެމަފިރިން އެކަކު އަނެކެއްގެ އަތްތިލައަށް ފިއްތައި ބާރުކޮށްލުމަކުންނެވެ. ދެ އެނދުގައި ނުތެދުވެ ތިބެ ވާން އޮތްވަރުކޮށްލީއެވެ.