ފަލަސްޠީނު ރައްޔިތުންގެ ގައަށް ޔަހޫދީ ސިފައިން ބަޑިޖަހައި ޝަހީދުކުރަމުން ގެންދަނީ އެއްވެސް ބެލުމެއް ނެތިއެވެ. ހަމަ ހިތަށްއެރުމުން އެގެންދަނީ ވަޒަންތައް ޖަހައި ޝަހީދު ކުރަމުންނެވެ. ޒަޚަމްކުރަމުންނެވެ.
އެކަމަށް ޖެހިލުންވާ މީހަކު ފަލަސްޠީނަކު ނެތެވެ. ކުޑަކުދިންނާއި ޒުވާނުން އަދި އަންހެނުންވެސް އެގެންދަނީ ހުސްތާ ތިބެ ހަތިޔާރު އަޅައިގެންތިބި ޔަހޫދީ ސިފައިންނާއި ކުރިމަތިލަމުންނެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މުސްލިމުންގެ ހެޔޮ ދުޢާއެވެ.
މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިމާމުވެ ދަމު ނަމާދާއި ވިތްރް ކުރައްވަމުން ގެންދަވާއިރު ވިތުރީގެ ޤުނޫތުގައި މުސްލިމް ޤައުމުތަކަށް ކުރިއެރުމާއި އަމާންކަން އަދި ހަމަޖެހުން ދެއްވެވުން އެދި ދުޢާ ކުރައްވަވައެވެ. ޚާއްޞަކޮށް ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ދުޢާކުރައްވަވައެވެ.