ގިނަ ހަރަކާތްތަކަކާއިއެކު "އެންމެން ފުޓްބޯޅަ" ގެ ނަމުގައި، ދިރާގުން ފީފާ ވޯލްޑް ކަޕް އާއިއެކު ފޯރިގަދަ ކެމްޕޭނެއް މިއަދު ފަށައިފިއެވެ.
މިއަދު ހަވީރު ބްރިޖްބިއު ޕްލެޓްފޯމް ސަރަހައްދުގައި ބޭއްވި ޚާއްސަ ޚަފްލާއެއްގައި ދިރާގުން ތަޢާރަފްކުރި ހަރަކާތްތަކުގެ ތެރޭގައި ވޯލްޑްކަޕް މެޗުގެ ނަތީޖާ ދިމާކޮށްގެން ތަފާތު ހޯދުމާއޮ ސޯޝަލް މީޑިއާގައި ހިންގާ އެކިއެކި މުބާރާތްތައް ވެސް ހިމެނެއެވެ.
މާލޭގެ ރައްޔިތުންނަށް ޖޯޝާއި ފޯރިއާއިއެކު ވޯލްޑްކަޕްގެ މެޗުތައް ބެލޭނެ ގޮތް ހެދުމަށް، ދިރާގުން ވަނީ ބްރިޖް ޕްލެޓްފޯމް ސަރަޙައްދާއި ސޯޝަލް ސެންޓަރުގައި ޖަގަހައެއް ވެސް ހަދާފައެވެ. އެސަރަޙައްދުތަކުން މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ވޯލްޑް ކަޕް އާއި ގުޅުން ހުރި ގިނަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިޔުމަށް ދިރާގުގެ ފަރާތުން ނިންމާފައިވެއެވެ.
މީގެ އިތުުރުން ދިރާގު ޓީވީ މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ވޯލްޑްކަޕް ބެލޭނެ އިންތިޒާމު އެކުންފުނިން ހަމަޖައްސާފައިވާއިރު، ދިރާގު ޓީވީގެ ޚިދުމަތް ނުހޯދާ ފަރާތްތަކަށް ވެސް ދިރާގު ޓީވީ އެޕްގައި ޔޫޒަރނޭމް އާއި ޕާސްވޯޑް އަކަށް "ޕްލޭ" ޖެހުމުން ވޯލްޑްކަޕް ބެލޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.
ވޯލްޑްކަޕް މެޗުތަކުގެ ނަތީޖާ މެސެޖު ކޮށްގެން ދިމާކުރާ ފަރާތްތަކަށް ވެސް ޚާއްސަ އިނާމުތަކެއް ވެއެވެ. އެގޮތުން މިޕްރޮމޯޝަންގައި ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ އެންމެ އަގުބޮޑު އިނާމަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ބޭނުން ޓީމެއްގެ މެޗު ބެލުމަށް އިނގިރޭސިވިލާތަށް ދިޔުމުގެ ފުރުސަތެވެ.
އޭގެ އިތުރުން ނަސީބުވެރި ފަރާތްތަކަކަށް އައިފޯން 8 އާއި ސެމްސަންގް 9 އަދި އެއް އަހަރު ދުވަހަށް ދިރާގު ޓީވީ ސަބްސްކްރިބްޝަން ހިލޭ ލިބޭނެ ކަމަށް ވެސް ދިރާގުން މައުލޫމާތު ދީފައިވެއެވެ.