ބިހާރުގަ ބަނގުރާ ވިއްކުން މަނާކުރުމުން ދިރިއުޅުމުގެ ފެންވަރު އެތައް ގުނައެއް މައްޗަށް "އުދުއްސައިގެންފި"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ބިހާރުގަ ބަނގުރާ ވިއްކުން މަނާކުރުމުން ދިރިއުޅުމުގެ ފެންވަރު އެތައް ގުނައެއް މައްޗަށް "އުދުއްސައިގެންފި"
އިންޑިއާގެ ސްޓޭޓެއް ކަމުގައިވާ ބިހާރުގައި ބަނގުރާ ވިއްކުން މަނާކުރުމާއެކު ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެތައް ގުނައެއް މައްޗަށް "އުދުއްސައިގެންފި" އެވެ.

ބަންގުރާ ވިއްކުން މަނާކުރިތާ 6 މަސް ދުވަހަށްފަހު ކުރި ދިރާސާއިން އެނގުނު ގޮތުގައި ސާޅިއާއި އަގު ބޮޑު ހެދުން ގަންނަ ނިސްބަތްވަނީ 1751 އިންސައްތައަށް މަތިވެފައެވެ. މާމުއި ފަދަ ތަކެތި ގަންނަ ނިޞްބަތްވަނީ 380 އަށް އިތުރުވެފައެވެ. ޗީޒް ފަދަ ތަކެތި ގަންނަ ނިޞްބަތް ވަނީ 200 އަށް އިތުރު ވެފައެވެ.

އަދި މިވަރުން ނިމެނީއެއް ނޫނެވެ. ދިރާސާގައި ބައިވެރިވި އަންހެނުން ދީފައިވާ މައުލޫމާތަށް ބަލާއިރު ފިރިންގެ އަޅައިލުމާއި އެހީތެރިކަން އިތުރުވެފައިވާކަމަށް 60 އިންސައްތަ އަންހެނުން ބުނެފައެވެ. ވައްކަން ކުރުމާއި މަގުފޭރުން ފަދަ ޢާންމު ކުށްތައް ކުރުުން 30 އިންސައްތަ މަދުވެފައިވާކަމަށް ވެސް ބުނެއެވެ.

މިދިރާސާ ކޮށްފައިވަނީ އައިޑީބީ އާއި އެހެންވެސް ބައެއް ބައިނަލްއަޤްވާމީ އިދާރާތައް ގުޅިގެންނެވެ.

2016 ވަނަ އަހަރު ބިހާރުގައި ބަނގުރާ ވިއްކުން މަނާކުރިއިރު ބަނގުރާ ބުއިމަށް ދެވި ހިފާފައި ތިބި 44 މިލިއަން މީހުން ތިބިކަމަށްވެއެވެ.

މިއިން ކޮންމެ މީހަކު މަދުވެގެން މަހަކު 1000 ރުޕީސް ޚަރަދުކުރާނެ ކަމަށް ބަލައިގެން ހިސާބު ހެދިނަމަވެސް އެއްވެސް ފައިދާއެއް ނެތް ގޮތުގައި 44 މިލިއަން ރުޕީސް ގެލިގެންދާނެއެވެ. އެފައިސާ އަމިއްލަ ދިރިއުޅުމަށް ފައިދާ ހުރި ގޮތުގައި ޚަރަދުކުރާނަމަ ލިބޭނެ ކުރިއެރުން މިދަނީ ފެންނަމުންނެވެ.
މިއަދު އޮންލައިން