ހަނގުރާމަކުރަން ބޭނުންވާ ބައަކު ނެތް ކަމަށް ބުނެ ގިނަ ބައަކު ހިނގާފަ ކާބުލްއަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހަނގުރާމަކުރަން ބޭނުންވާ ބައަކު ނެތް ކަމަށް ބުނެ ގިނަ ބައަކު ހިނގާފަ ކާބުލްއަށް
ހަނގުރާމަކުރަން ބޭނުންވާ ބައަކު އަފްޣާނިސްތާނުގައި ނެތް ކަމަށާއި ހަނުރާމަތައްކޮށް މީހުން މެރުން ވަގުތުން ހުއްޓާލުމަށް ގޮވާލައި އެތައް ސަތޭކަ ބައަކު ދުރުސަރަހައްދުތަކުން ހިނގާފައި ކާބުލްއަށް ހިނގައްޖެއެވެ.

އެމީހުން ބުނީ ޠާލިބާނުގެ ކޮންޓްރޯލްގެދަށުގައި ހުރި ސަރަހައްދުތަކުގެ މީހުންވެސް އަދި ސަރުކާރުގެ ބެލުމުގެދަށުގައި ހުރި ސަރަހައްދުތަކުގެ މީހުންވެސް އެއްވެސް ބާވަތެއްގެ ހަނގުރާމައެއް ކުރަން ތާއީދުނުކުރަ ކަމަށެވެ. އަދި އެންމެންވެސް ހަނގުރާމަ ކުރުމަށް ނަފްރަތުކުރާ ކަމަށެވެ.

"ރައްޔިތުން ބޭނުން ނުވާ ކަމެއް ބައަކު މިކުރަނީ ކީއްވެ؟ މިޤައުމުގައި ހަނގުރާމަތައް ފެށްޓުވީ ބޭރު ޤައުމުތަކުން. އެ ކަންކަން މާޒީވެ ނިމިއްޖެ. ދެން މިހާރު މިކުރަނީ ކޮން ހަނގުރާމައެއް؟ އަހަރެމެންގެ ދެ އަތުން ހަމަ އަހަރެމެން މަރަމުން މިގެންދަނީ. މިއީ އަޅެ ބުއްދި ސަލާމަތުން ތިބި ބައަކު ކުރާނެ ކަމެއްތަ؟" ބައެއް މީހުން ވަނީ ސުވާލުކޮށްފައެވެ.

ހިނގާލުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް މީހުން ބުނީ މިފަހަރުގެ ހިނގާލުމުގައި ބައިވެރިވި މީހުންގެ އަދަދު ތަންކޮޅެއް މަދުވި ނަމަވެސް ކުރިއަށް އޮތްތަނުގައި އަފްޣާނިސްތާނުގެ މަގުތައް އެކީގައި ފުރިގެންދާނެ ކަމަށެވެ.

މިފަހަރުގެ ހިނގާލުމުގައި ބައިވެރިވި މީހުންގެ ތެރޭގައި ހަނގުރާމައިގެ ސަބަބުން ގުނަވަންތައް ވަކިވެ ނުކުޅެދޭ ހާލަތުގައި ތިބި މީހުންވެސް ހިމެނެއެވެ.
މިއަދު އޮންލައިން