ހަމުން ކަޅު ކުޑަކުއްޖަކު ފެން ވިއްކުމުން އެއީ ޤާނޫނާ ޚިލާފުކަމެއް ކަމަށް ބުނެ މައްސަލަ ޖައްސައިފި

ކިޔުމަށް ހޭދަވާނީ 2މ 21ސ
ހަމުން ކަޅު ކުޑަކުއްޖަކު ފެން ވިއްކުމުން އެއީ ޤާނޫނާ ޚިލާފުކަމެއް ކަމަށް ބުނެ މައްސަލަ ޖައްސައިފި
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޮން މީހުންނަށް ކަޅު މީހުން، ނުވަތަ ހަމުގެ ކުލައަށް ހުދުކުލަ ނުވަތަ އޮރެންޖު ކުލަ ނުހުންނަ މީހުން، ކަމު ނުދިޔުމަކީ އާކަމެއް ނޫނެވެ.

މިފަދަ ތަރައްޤީ ޒަމާނުގައި ވެސް ހަމުގެ ކުލައަށް ބަލާފައި ބޭއިންސާފުން ކަންކަން ކުރުމަކީ ބައެއް މީހުންގެ ވިސްނުން ވަރަށް ހަނިކަން ހާމަވެގެންދާ ކަމެކެވެ.

މިފަދަ ކަމެއް ސެން ފްރޭންސިސްކޯގައި އިއްޔެ ވަނީ ހިނގާފައެވެ.

އުމުރުން އެންމެ އަށް އަހަރުގެ (ހަމުގެ ކުލަ ދޮން ނޫން) ކުޑަ ކުއްޖަކު ފެންފުޅި ވިއްކަން މަގުމަތީގައި ހުރުމުން، އެއީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެ "ދޮން" އަންހެނަކު ވަނީ ފުލުހަށް ގުޅައި މައްސަލަ ޖައްސާފައެވެ.

އެލިސަން އެޓެލް ނަމަކަށް ކިޔާ އެއަންހެން މީހާ ފުލުހަށް ފޯނު ކުރަނިކޮށް، ކުޑަ އަންހެން ކުއްޖާގެ މަންމަ ވަނީ އެމަންޒަރު ވީޑިއޯކޮށް، ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ. ކުޑަ ކުއްޖަކު ފެން ވިއްކަމުން ދިޔުމުން އެއަންހެން މީހާ ފުލުހަށް ގުޅަނީ ކަމަށް ކުއްޖާގެ މަންމަ ބުނާ އަޑު ވީޑިއޯއިން އިވެއެވެ. އެވަގުތު އެލިސަން ބުނަނީ އެއީ ޤާނޫނާ ޚިޅާފު ކަމަކަށްވުމުން ކަމަށެވެ. ނަމަވެސް އެކުއްޖާ ފެން ވިއްކަން ހުރީ ކުއްޖާގެ އަމިއްލަ ގެ ހުރި ސަރަހައްދުގައި ކަމަށް ވެސް މަންމަ ބުނެއެވެ.

ދައުރުވަމުންދިޔަ ވީޑިއޯ އާއިއެކު ބައެެއް މީހުން އެލިސަން ގެ އަމަލަށް ތާއީދު ވެސް ކޮށްފައިވެއެވެ. އެބަޔަކު ބުނެފައިވަނީ ކުޑަ ކުއްޖާ ވިއްކަމުން ދިޔަ ފެނުގައި ޖަރާސީމުވެސް އެކުލެވިފައި ވެދާނެ ކަމަށާއި އެފަދަ ކަންކަން ކުރަން ހުއްދައެއް ހޯދަން ޖެހޭނެ ކަމަށެވެ.

އެކޮމެންޓަށް ރައްދު ދެމުން ކުޑަކުއްޖާގެ ބޮޑުދައިތަ ބުނެފައިވަނީ އެކުއްޖާ ވިއްކީ ބޭނުން ކޮށްފަ ހުރި ފެންފުޅި ނޫން ކަމަށާއި ނުވެސް ކަނޑާހުރި ފެންފުޅިތަކެއް ކަމަށެވެ. އަދި އެއީ އެކުއްޖާގެ އާއިލާއަށް އެހީތެރިވުމަށް އެކުއްޖާ އަމިއްލައަށް އިސްނަގައިގެން ފެށި މަަސައްކަތެއް ކަމަށް ވެސް ބުންޏެވެ.

އެލިސަންގެ އެޢަމަލަށް ފާޑު ކިޔަމުން ބައެއް މީހުން ބުނެފައިވަނީ ހަމުން ދޮން ކުއްޖެއް ނަމަ އެކުއްޖާ ކޮންމެ އެއްޗެއް ކޮންމެ ތާކު ވިއްކިޔަސް މައްސަލައަކަށް ނުވާ ކަމަށެވެ. އަދި ބައެއް ޤައުމުތަކުގައި، ކުޑަ ކުއްޖަކު އެއްޗެއް ވިއްކާއިރު އެނުގަނެ ދިޔުމަކީ ވެސް ގަވާއިދާ ޚިލާފު ކަމެއް ކަމުގައި ބައެއް މީހުން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި މިވީޑިއޯ އާންމުވުމުން އެލިސަން ހަފްޕޯސްޓަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެކުއްޖާގެ މައްސަލަ ޖައްސަން އުޅުނީ ހަމުގެ ކުލައިގެ ސަބަބުން ނޫން ކަމަށާއި އޭނާ ހަގީގަތުގައި ފުލުހުންނަށް ނުގުޅާ ކަމަށެވެ.

މިއަދު އޮންލައިން