މައެ ސައި، ތައިލެންޑް: އުތުރު ތައިލެންޑުގެ ހޮހަޅައެއްގައި ފެންބޮޑުވުމުގެ ސަބަބުން 12 ކުޑަކުއްޖަކު ތާށިވެ، އެކުދިން ހޯދުމުގެ މަސައްކަތުގައި، ކާބޯތަކެއްޗާއެކު އެޤައުމުގެ ނޭވީ ސިފައިން މަސައްކަތް ކުރަމުން އެބަދެއެވެ.
ސިފައިން މިއަދު ވެސް އެމަސައްކަތުގައި ހުއްޓުމެއް ނެތި އުޅުމުންދާއިރު، ހޮހަޅައިގައި ތާށިވީ ކުދިންގެ އާއިލާ މީހުންނާއި އެނޫންގެސް ގިނަބަޔަކު އެސަރަޙައްދަށް އެއްވެ، އެކުދިންގެ ސަލާމަތަށް އެދި އާދޭސް ކުރަމުން ދުއާ ކުރަމުންދެއެވެ.
ތައިލެންޑްގެ މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، އުމުރުން 11 އަހަރާއި 16 އަހަރުގެ 12 ކުޑަކުދިން ހިމެނޭ ފުޓްބޯޅަ ޓީމަކާއި އެކުދިންގެ ކޯޗު އެހޮހަޅައިގައި ތާށިވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އެމީހުން އެތަނަށް ވަނީ ބޯކޮށް ވާރޭ ވެހެން ފެށުމުން ކަމަށާއި، ނަމަވެސް ވާރޭގެ ސަބަބުން ހޮހަޅައަށް ވަނުމަށް އިން ޖާގަ ކިސަޑުން ބެދިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ތަމް ލުއަންގް ނަމަކަށް ކިޔާ މިހޮހަޅައިގައި އެކުދިންނާއި ކޯޗު ތާށިވުމުގެ ސަބަބުން، އެސަރަޙައްދަށް އެއްވެފައި ތިބި އެމީހުންގެ އާއިލާގެ ބައެއް މީހުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެތަނުގައި ކޭމްޕު ޖަހައިގެން ތިބިކަމަށް މައުލޫމާތު ލިބެއެވެ.
ހުއްޓާނުލާ އެމީހުން ކުރަމުންދާ ދުޢާއާއި އާދޭހަކީ، އެމީހުންގެ ދަރީން ސަލާމަތުން އެނބުރި އަވަހަށް ގެއަށް އައުމެވެ.
ހޮހަޅައިގައި ތާށިވީ 12 ކުދިންނާއި ކޯޗު ހޯދުމުގެ މަސައްކަތުގައި ނޭވީ ސީލްސް (އެސްއީއޭއެލްއެސް) އިން، އޮކްސިޖެން މާސްކު އަޅައިގެން ހަރަކާތްތެރިވަމުން އެބަދެއެވެ.