މީގެ ނުވަ އަހަރު ކުރިން މަރުވި، "ކިންގް އޮފް ޕޮޕް" ގެ ލަގަބު ދީފައިވާ މުޅި ދުނިޔެއަށް މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ، މައިކަލް ޖެކްސަން ގެ ބައްޕަ ޖޯއީ ޖެކްސަން ކެންސަރު ބަލީގައި މިއަދު މަރުވެއްޖެއެވެ.
އާއިލާއިން އެކަން ކަށަވަރު ކޮށްދެއްމުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އުމުރުން 89 އަހަރުގެ ޖޯއީ ޖެކްސަން މަރުވީ ލޮސް އެންޖެލެސް ގައެވެ. މަރުވިއިރު ކައިރީގައި އާއިލާމީހުން ތިބިކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ޖޯއީ ޖެކްސަނަށް ކެންސަރު ޖެހިފައިވާކަން އެނގިފައިވަނީ އޭނާގެ އުމުރުން 80 އަހަރުގައި ކަމަށާއި 2015 ވަނަ އަހަރާއި ހަމައަށް އޭނާގެ ހާލު ރަނގަޅު ވަމުން ދިޔަ ނަމަވެސް، އުފަން ދުވަސް ފާހަގަ ކުރުމަށް އެއަހަރު ބްރެޒިލަށް ކުރި ދަތުރެއްގައި ސްޓްރޯކެއް ޖެހިގެން އެއަށްފަހު އޭނާގެ ހާލު ގޯސްވަމުން ގޮސްފައިވާކަމަށް މީޑިއާ ރިޕޯޓުތަކުގައިވެއެވެ.