ދިރާގު އާއިޕީ.އެސް.އެމް ގުޅިގެން ވޯލްޑް ކަޕް ރަޝިއާ 2018 ގެ މެޗްތައް 4ކޭ ކޮލިޓީގައި ދެއްކުމުގެ އިންތިޒާމު ދިރާގު ޓީވީ މެދުވެރިކޮށް ހަމަ ޖައްސައިފިއެވެ.
ވޯލްޑް ކަޕް 4ކޭ ކޮލިޓީގައި ގެނެސްދޭނީ ޓީވީއެމް ގެ 4ކޭ ޗެނަލުންނެވެ.ޓީވީއެމް އަކީ ރާއްޖޭގައި ވޯލްޑް ކަޕްގެ އެކްސްކްލޫސިވް ބްރޯޑްކާސްޓަރެވެ. އަދި ޓީވީއެމް އިން ދަނީ ވޯލްޑް ކަޕަށް ޚާއްޞަ ކަވަރޭޖެއްވެސް ގެނެސްދެމުންނެވެ.
މި ކަން އިއުލާން ކޮށްފައިވަނީ މިއަދު ޕީ.އެސް.އެމް ގައި ބޭއްވި ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.
4ކޭ ނުވަތަ އަލްޓްރާ ހައި ޑެފިނިޝަން ޓެކްނޮލޮޖީ އަކީ މިހާރުގެ ސްމާޓް ޓީވީތަކުން ފެންނާނެ އެންމެ ފުރިހަމަ ކޮލިޓީއެވެ.
ވޯލްޑް ކަޕް 4ކޭ ކޮލިޓީގައި ބަލައިލުމުގެ ފުރުސަތު މުޅި ދުނިޔެއިން ވެސް ފޯރުކޮށްދެނީ ވަރަށް މަދު ގައުމެއްގައި އެހާމެ މަދު އޮޕަރޭޓަރުންނެވެ.
ދިރާގު ޓީވީ މެދުވެރިކޮށް 4ކޭ ކޮލިޓީގައި ވޯލްޑް ކަޕް ބެލުމަށް މިހާރުވެސް ބޭނުން ކުރަށްވާ ޖޯއިބޮސްގެ އިތުރުން އެއްވެސް ޑިވައިސެއް ބައްލަވައިގަންނަވާކަށް ނުޖެހޭނެއެވެ.
މިއަދުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ އެކްޓިންގ ސީ.އެމް.އޯ އަހުމަދު މައުމޫންވިދާޅުވިގޮތުގައި ދިރާގުގެ އަމާޒަކީ ރާއްޖޭގެ ކޭބަލް ޓީވީ މާކެޓް އިތުރު ހަރުފަތްތަކަކަށް ގެންގޮސްދީ ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީތައް ފަސޭހަކަމާއެކު ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި އެ ގޮތުން ދިރާގު ޓީވީ ކަސްޓަމަރުންނަށް ޓީވީގެ ތަޖުރިބާ ފުރިހަމަކޮށް ތަރައްޤީ ކުރުމަކީ އެ ކުންފުނީގެ އެންމެ އިސް އެއް މަގުސަދު ކަމުގައިއެވެ. ދިރާގު ޓީވީއިން ވަނީ ދާދި ފަހުންވެސް 4ކޭ ޗެނަލެއް ތަޢާރަފް ކޮށްފައިއެވެ.
4ކޭ ކޮލިޓީގައި ދިރާގު ޓީވީ އަދި ޕީއެސްއެމް މެދުވެރިކޮށް ވޯލްޑް ކަޕް ގެ ފަހު ސްޓޭޖްގެ 10 މެޗް ބަލައިލެވޭނެއެވެ.
ވޯލްޑް ކަޕް 4ކޭ ކޮލިޓީގައި ބެލުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ ފައިބަރ ކަނެކްޝަނެއް މެދުވެރިކޮށް ދިރާގު ޓީވީ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށެވެ. ދިރާގު ފައިބަރ ކަނެކްޝަން ހުރި ކޮންމެ ރަށަކަށް ވޯލްޑް ކަޕް 4ކޭ ކޮށް ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މިވަގުތު ކުރިއަށްދާ ޕްރޮމޯޝަންގެ ތެރެއިން ދިރާގު ޓީވީ ބައްލަވާ ގަންނަ ފަރާތްތަކަށް އެއްވެސް އަގަކާނުލާ ޖޯއިބޮކްސް ލިބޭނެއެވެ.
ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ. ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެއެވެ. އަދި ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް މެދުވެރިކޮށް ދިރާގު ޓީވީގެ އެކައުންޓް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެއެވެ.
ދިރާގު ޓީވީ ތަޢާރަފް ކުރިތާ ވީ އެއް އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. އޭގެ ތެރޭގައި މިހާރު ދިރާގު ޓީވީ އިން 95 އަށް ވުރެ ގިނަ ޗެނަލް ފެނިގެން ދެއެވެ. އަދި 41 ރަށުގައިވެސް މިހާރު ދިރާގު ޓީވީ ހިދުމަތް ވަނީ ތަޢާރަފް ކޮށްފައިއެވެ. އަދި ހަމަ އެޔާއެކު، ދިރާގު ޓީވީގެ މޯބައިލް އެޕްލިކޭޝަނެއްވެސް ވަނީ މިއަހަރު ތެރޭ ތައާރަފްކޮށްފައިއެވެ.