ބީބީ ރަނަރސް އިން ހޯދަމުން އަންނަ ކާމިޔާބީތަކަށް ބޮޅުތަކެއް އިތުރުކޮށްފިއެވެ.
ރާއްޖޭއާއި ރާއްޖެއިން ބޭރުގފައި ބާއްވާ ދުވުންތަކުގައި ޚާއްޞަކޮށް ދިގު ދުވުންތަކުގައި މި ފަހަކަށް އައިސް ކާމިޔާބީ ހޯދަމުން އަންނަ މި ގްރޫޕުން މިފަހަރު ވަނީ "އައްޑޫ މެރަތަން 2018" ގައި 3 ކެޓަގަރީއަކުން ވަނަތައް ހޯދާފައެވެ.
އެގޮތުން ފުލް މެރަތަން، ހާފު މެރަތަން އަދި 10 ކިލޯ މީޓަރުގެ ދުވުމުން ވަނީ ވަނަ ހޯދާފައެވެ.
42 ކިލޯ މީޓަރ ނުވަތަ ފުލްމެރަތަންގެ ދެވަނަ ހޯދީ ނައުފަލް ޢީސާ އެވެ. ދިގު ދުވުންތަކުގެ ރާއްޖޭގެ ޤައުމީ އެތްލީޓުންގެ ތެރޭގައި ހިމެނޭ ނައުފަލްގެ ފުރަތަމަ ފުލް މެރަތަންގެ މި ކާމިޔާބީއާއެކު އޭނާ ވަނީ މީގެ ކުރިން ހާފު މެރަތަން ނުވަތަ 21 ކިލޯ މީޓަރުގެ ދުވުމުގައިވެސް ރާއްޖެއާއި ރާއްޖެއިން ބޭރުހައި ގިނަ ކާމިޔާބީތައް ހޯދާފައެވެ.
މި ދުވުމުގެ ހާފު މެރަތަން ކެޓަގަރީގައި ދުވި ފުވައްމުލަކުސިޓީގެ ޒުވާން ދުވުންތެރިޔާ ހައްމާދު ޝަފީގު ވަނީ އެ ކެޓަގަރީން 3 ވަނަ ހޯދާފައެވެ. މީގެ އިތުރުން ހައްމާދު ވަނީ ހުޅުމާލޭ ލޯންގ ރަންގެ ފުލް މެރަތަން ކެޓަގަރީގައި މިއަހަރު މުޅިން އަލަށް ދުވެ، އެއްވަނައަށް ރޭސް ނިންމާފައެވެ.
އައްޑޫމެރަތަންގައި އޮތް 10 ކިލޯ މީޓަރުގެ ދުވުން 3 ވަނަ ހޯދާފައިވަނީވެސް ބީބީ ރަނަރސްގެ ދުވުންތެރިއެކެވެ. ފުވައްމުލަކަށް އުފަން ސުނާން އަޙުމަދު، މިފަހަރުގެ ވަނަ ހޯދި އިރު، ރަން އިން ލާމުގެ 10 ކިލޯ މީޓަރު ކެޓަގަރީގައި ދުވެ، އޭނާ ވަނީ ރަނގަޅު ޓައިމިންގ އެއް ހަދާފައެވެ.
މީގެ އިތުރުންވެސް އައްޑޫ މެރަތަންގައި ބީބީގެ ދުވުންތެރިން ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އެބައިވެރިން ދުވި ކެޓަގަރީތަކުން ވަނީ އަމިއްލަ ރެކޯޑު ހަދާފައެވެ.
ބީބީ ރަނަރސްއަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކަސްރަތާއި ދުވުމުގެ މުހިންމުކަން އަންގައިދިނުމަށް އުފައްދާ، ހޯމް މިނިސްޓްރީގައި ރެޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ ގްރޫޕެކެވެ.
ދުވުންތަކަށް މީހުން ތަމްރީނު ކޮށްދިނުމަށް އެއްވެސް އުޖޫރައެއް ނުނަގާ މަސައްކަތް ކުރަމުން އަންނަ ބީބީ ރަނަރސް ޚާއްޞަކޮށް ޢުމުރުން ރުވަސްވީ މީހުންނަށް އަމާޒުކޮށްގެން އުފައްދާފައިވީނަމަވެސް އެ ގްރޫޕުން އަންނަނީ ޒުވާން ދުވުންތެރިންވެސް އުފައްދާ ދުވުމާއި ކަސްރަތުގެ ތެރެއަށް ނެރެމުންނެވެ.