މިދިއަ ހަފްތާގެ ހޮނިހިރު ކުރި ވިއްސާރައިން ސަލާމަތްވުމަށް ހޮހޮޅައަކަށް ވަން އުމުރުން 11 އަހަރާއި 16 އަހަރާއި ދެމެދުގެ 12 ކުދިންނާއި ކޯޗް 10 ދުވަސްފަހުން ދިރިތިއްބައި މިއަދު ފެނިއްޖެއެވެ.
ޗިއާންގ ރައި ޕްރޮވިންސުގެ ގަވަރުނަރު ބުނީ އެކުދިން ހޯދަން މަސައްކަތްކުރި ޑައިވަރުންނަށް އެކުދިންނާއި ކޯޗް ފެނިފައިވާ ކަމަށާއި ނުކައި ގިނަ ދުވަސްވުމުން ޙާލު ދެރަވުން ނޫން މައްސަލައެއް ނެތް ކަމަށެވެ.
ގަވަރުނަރު ބުނެފައިވަނީ ކުދިން ހޮހޮޅައިން ނެރުމުގެ މަސައްކަތުގައި ޑޮކްޓަރުންގެ ޓީމަކުން ހަރަކާތްތެރިވާނެ ކަމަށާއި ޢާއިލާތަކާއި ކުދިން ޙަވާލުކުރާނީ ހާލު އެކުގައި ރަނގަޅުވުމުން ކަމަށެވެ.
ކުދިންގެ ހަޤީޤީ ހާލަތު އަދި މުޅިން ސާފެއް ނުވެއެވެ. ނަމަވެސް ފެނުނުކަމާއި މަރުނުވާކަން ގަވަރުނަރު ހާމަކުރުމުން ޢާއިލާތަކުން ދަނީ އުފާ ފައުޅުކުރަމުންނެވެ. އެ ސަރަހައްދުގައި އަދިވެސް ފެން ބޮޑުވެފައިވާތީ ކުދިން ހޮހޮޅައިން ނެރުމަށް ވަރަށް ވިސްނަންޖެހޭ ކަމަށް ކުދިން ސަލާމަތްކުރަން މަސައްކަތްކުރާ ޓީމުތަކުން ދަނީ ބުނަމުންނެވެ.