ބަރަހަނާ މަންޒަރު ބަލަން ދެވިހިފާފައި ހުރި ފިރިހެން ދަރިފުޅު އޭނާގެ ކޮއްކޮ ރޭޕްކުރަން އުޅުމުން ބަޑިޖަހާ މަރާލި ބައްޕައަކު ހައްޔަރުކޮށްފިއެެވެ.
ޢާއިލާ އާއި ހަވާލާދީ ފުލުހުން ބުނީ 16 އަހަރުގެ ފިރިހެން ކުއްޖާއަކީ ފޯނުން ބަރަހަނާ މަންޒަރާއި ވީޑިއޯ ބަލަން ދެވި ހިފާފައި ހުރި ކުއްޖެއް ކަމަށާއި އެކަން ހުއްޓުވަން ޢާއިލާއިން މަސައްކަތްކުރުމުން އަބަދުވެސް ވެގެންދަނީ ބޮޑު ހަމަނުޖެހުމަކަށް ކަމަށެވެ. އަދި އޭނާގެ ކޮއްކޮއަށް ޖިންސީ ތަފާތު ގޯނާތައް ކުރާތާ އެތައް ދުވަހެއް ވެއްޖެކަމަށެވެ.
ފުލުހުން ބުނީ ދަރިފުޅުގެ ގައަށް ބައްޕަ ބަޑިޖެހީ މިދިއަ ޖޫންމަހުގެ 25 ވަނަ ދުވަހުގެ ރޭ އަންހެން ކުއްޖާ ރޭޕްކުރަން އުޅެނިކޮށް ފެނުމުން ކަމަށެވެ. ބޭނުންކުރި ބަޑިއަކީ ވަގުންގެ ކިބައިން ސަލާމަތްވުމަށް އަމިއްލައަށް ހަދާފައިވާ ބަޑިއެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
ޢާއިލާއިން ވަނީ އެކަން ސިއްރުކުރުމަށްޓަކައި ކުއްޖާގެ މަސްގަނޑު ގޯތިތެރޭގައި ވަޅުލާފައެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓްކުރީ އަވަށްޓެރިންނަށް ކުރެވުނު ޝައްކަކާއި ގުޅިގެންނެވެ.