ތެލުގެ އަގު ތިރިކުރުމަށްޓަކައި ދުވާލަކު އިތުރު 2 މިލީއަން ފީފާ ސައުދީން އުފައްދަން ނިންމައިފިއެވެ. އެކަން ނިންމާފައިވަނީ ސަލްމާން ރަސްގެފާނު ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި މިދިއަ ހޯމަ ދުވަހުއެވެ.
ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އުފުލެން މެދުވެރިވި އެއް ސަބަބަކީ އީރާނާއި ވެނެޒިޔުލާއިން ތެޔޮ އުފައްދާ މިންވަރު މަދުވުން ކަމަށް ބެލެވެއެވެ. ސައުދީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާފައިވަނީ ތެލުގެ އަގު އުފުލުނަ ނުދިނުމަށްޓަކައި އިތުރަށް އުފައްދަންޖެހޭ މިންވަރު އެ ޤައުމުން އުފެއްދުމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމުން އަރާފައިވާ ލޮޅުން ކުޑަކުރުމަށްޓަކައި މިދިއަ ހޮނިހިރު ދުވަހު އެމެރިކާގެ ރައީސް ޓްރަމްޕް ވެސް ވަނީ ސައުދިއަރަބިޔާއިން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.