ނަމާދުކުރަން ހުރަސް އަޅާތީ ފިހާރައެއްގެ ވަޒީފާ ދޫކޮށްލި 3 އަންހެން ކުއްޖަކަށް 5 މިލިއަން ދިރުހަމްގެ ފިހާރައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ނަމާދުކުރަން ހުރަސް އަޅާތީ ފިހާރައެއްގެ ވަޒީފާ ދޫކޮށްލި 3 އަންހެން ކުއްޖަކަށް 5 މިލިއަން ދިރުހަމްގެ ފިހާރައެއް!
ބަހްރައިނުގެ ޝޮޕިންގ މޯލެއްގައި ހިންގާ ފިހާރައެއްގައި ސޭލްސް ގަރލްސްގެ ގޮތުގައި ވަޒީފާ އަދާކުރަމުން ދިއަ 3 އަންހެން ކުދިން މިދިއަ ޝަޢްބާން މަހު ވަޒީފާ ދޫކޮށްލީ ޑިޔުޓީ ގަޑީގައި ނަމާދުކުރުމުގެ ފުރުޞަތު ނުދީ ދަތިކުރާތީއެވެ.

10 މަސް ދުވަހު ވަޒީފާ އަދާކުރުމަށްފަހު 3 ކުދިން މަޝްވަރާކޮށް ވަޒީފާ ދޫކޮށްލަން ނިންމީ ރަމަޟާންމަހުވެސް އެދަތިތައް ހުންނާނެތީ އެކަމުން ސަލާމަތްވެ ވަގުތު ޖެހުމުން ނަމާދުކުރާ ބައެއްގެ ގޮތުގައި ތިބެގެން ރޯދަހިފުމަށް ކަންކަން ފަހިކުރުމަށެވެ. ވަޒީފާ އާއި ﷲ ތަޢާލާ އާއި ތަވައްކަލު ކުރުމަށްފަހުގައެވެ.

ވަޒީފާ ދޫކޮށްލުމަށްފަހު 3 ކުދިންވެސް ރޯދަ މަސް ނިމެންދެން ތިބީ އެއްވެސް މަސައްކަތެއް ނުކޮށް ޢާއިލާތަކާއިއެކުގައެވެ. މައިންބަފައިންނަށް އެހީތެރިވެ ރޯދަ ރޯދައިގެ ގޮތުގައި ހިފުމަށް މަސައްކަތްކުރުމަށެވެ. ނަމާދުތައް ކުރުމާއި ޤްރްއާން ކިޔެވުމަށެވެ.

ރޯދަ މަހުގެ އެންމެ ފަހު 3 ދުވަހު 3 ކުދިން ވަނީ ކުރިން ވެސް އަދާކުރި ފަދަ ވަޒީފާއެއް ލިބޭތޯ ގިނަ ފިހާރަތަކަކަށް ސީވީ ހުށަހަޅައިފައެވެ. 3 ކުދިންވެސް ސީވީ ހުށަހަޅަމުން ގެންދިއައީ އެއް އުރައެއްގައެވެ.

ރަމަޟާން މަސް ނިމި ކަންކަން އާދައިގެ ގޮތެއްގައި ކުރިއަށްދާން ފެށުމުން ސީވީ ހުށަހެޅިތަންތަނުން ކުދިންނާއި ގުޅައިގެން ގެންގޮސް އިންޓަރވިޔުކުރަން ވަނީ ފަށައިފައެވެ. 3 ކުދިންގެ ހަޔާތަށް އައި ބޮޑު އިންޤިލާބުގެ އުފާވެރި ޚަބަރު ލިބުނީ މި ހިނގާ ޝައްވާލުމަހުގެ 7 ވަނަ ދުވަހުއެވެ.

އެދުވަހު އިންޓަވިޔުއަށް ގެންދިއަ ކުންފުނިން ކުރި އިންޓަރވިޔުގައި އެކުދިން ވަޒީފާ ދޫކޮށްލި ޙާލަތު އޮޅުން ފިލުވުމަށްފަހު ދިނީ ވަޒިފާއެއް ނޫނެވެ. 5 މިލިއަން ދިރުހަމްގެ މުދާހުރި ފިހާރައެކެވެ.

ކުންފުނިން 3 ކުދިންނާއި ފިހާރަ ހަވާލުކުރީީ ފިހާރަ ހިންގައިގެން ލިބޭ ފައިދާ ދެ ބައަށް ބަހާ އުޞޫލުންނެވެ. ކޮންމެ އަހަރަކުވެސް ލިބޭ ފައިދާގެ އެއްބައި ކުންފުންޏަށެވެ. އަނެއްބައި 3 ކުދިންނަށް ލިބޭ ގޮތަށެވެ. ފިހާރައިގެ ހިސާބުތައް ކުންފުނިން ބަލަހައްޓާ ގޮތަށެވެ.

އެއްބަސްވުމުގައިވާ ގޮތުން ޝައްވާލު މަސް ނިމުމުން މުސާރަ ނަގާނެވަރު ކަނޑައަޅާނީ ވެސް 3 ކުދިން އަމިއްލައަށެވެ. 3 ކުދިންގެ މުސާރަ ބަލާނީ ފިހާރަ ހިންގަން ކުރާ ޚަރަދެއްގެ ގޮތުގައެވެ.

އެއިރުވެސް ހިންގަމުންދާ އެ ބޮޑު ފިހާރަ 3 ކުދިންނާއި ހަވާލުކޮށް އައު ފެށުމަކުން ފެށީ ޝައްވާލު މަހުގެ 15 ވަނަ ދުވަހު އެވެ. އެކަމަށްޓަކައި ފިހާރައިގައި ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ ޗެއަރމަން ޢަބްދުﷲ އައްރާޝިދު ބުނީ ތިއައިގެ ތެރޭގައި އެމްބީއޭ ހަދައި އަދި ވިޔަފާރިކުރުމުގެ ތަޖުރިބާ ލިބިގެން ތިބި 2 ކުދިން ވެސް ތިބުމުން ފިހާރަ ހިންގަން އެނގޭނެ ކަމަށް ޔަޤީންކުރާ ކަމަށެވެ.

ރަސްމިއްޔާތަށްފަހު ފިހާރައިން ނުކުންނަމުން ޗެއަރމަން ބުނީ ﷲ ތަޢާލާ އާއި ވަކީލުކުރުމަށްފަހު 3 ކުދިން ވަޒިފާ ދޫކޮށްލި ފަދައިން 5 މިލިއަން ދިރުހަމުގެ މިފިހާރަ ﷲ ތަޢާލާ އާއި ވަކީލުކޮށް 3 ކުދިންނާއި ހަވާލުކުރީ ކަމަށެވެ.

ﷲ ތަޢާލާއަށް ވަކީލުކޮށް ﷲ ތަޢާލާގެ މަގުގައި އިޚްލާޞްތެރިކަމާއިއެކު ކަންކަން ކުރާ މީހުންނަށް ނިޢުމަތްތައް ﷲ ތަޢާލާ އޮއްސަވަނީ މިފަދައިންނެވެ. އެއީ އެއްވެސް މީހަކަށް އަދަދު ކަނޑައަޅަން އެނގޭނެ ކަންކަމެއް ނޫނެވެ.
މިއަދު އޮންލައިން