ރިޕޯޓްތައް ބުނާ ގޮތުން އޮކިނާވާ ކައިރިން ޑައިވްކުރަން އުޅުމުގެ ތެރޭގައި ސެރިނާ ކިޔާ އަންހެނެއްގެ އަތުން ކެމެރާ ގެއްލުނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ކެމެރާ ފެނުނީ ގޮނޑުދޮށް ސާފުކުރަން އުޅުނު ޓައިވާންގެ ސްކޫލްކުދިންތަކަކަށް މިއަހަރުގެ މާރިޗް މަސްތެރޭގައެވެ.
އެކުދިން ފުރަތަމަ ހީކުރީ އެއީ ގާގަނޑެއް ކަމަށެވެ. ނަމަވެސް ޝައްކުވެގެން ބެލުމުން އެނގުނީ އެއީ ކެމެރާއެއް ކަމެވެ. ކެމެރާއެއްކަން އެނގުމުން ޓީޗަރު ވަނީ ކެމެރާގެ ވެރިފަރާތް ހޯދަން ޖެހޭނެ ކަމަށްބުނެ އޭނާގެ ބެލުމުގެ ދަށަށް ކެމެރާ ގެންގޮސްފައެވެ.
ކެމެރާއިން ގާފޮރި ފިލުވުމަށްފަހު ކެމެރާގެ ފޮޓޯއަކާއި ކެމެރާގައި ހުރި ބައެއް ފޮޓޯތައް ޓީޗަރު އޭނާގެ ފޭސްބުކުގައި ހާމަކޮށްފައި ބުނެފައިވަނީ ކެމެރާގެ ވެރިއަކު ހުރެއްޖެ ނަމަ އޭނާއަށް އެންގުމަށެވެ.
ކެމެރާ އާއި ފޮޓޯތައް ފެނުމުން ސެރިނާ ވަނީ އެއީ އޭނާގެ ކެމެރާއެއްކަން އަންގައިފައެވެ. އަދި އޭނާ ވަނީ ޖޫން މަހު ޓައިވާނަށް ގޮސް ކެމެރާ އާއި ހަވާލުވެފައެވެ.