ފިފާ ވަރލްޑް ކަޕްގެ ސެމީފައިނަލުގެ ފަހުޖާގަ ކްރޮއޭޝިއާ އިން ހޯދުމުން އިންގްލެންޑާއެކު ސެމީގައި އެޓީމުން ވާދަކުރަން ޖެހިއްޖެއެވެ.
ފުރަތަމަ ހާފު ފަށައިގެން ރަޝިއާއިން ރަނގަޅު ކުޅުމެއް ދައްކާފަައިވާ އިރު، ކްރޮއޭޝިއާ އިން ވެސް ވަނީ ހަމަލާތައް އުފައްްދާ އިދިކޮޅަށް ނުރައްކާކޮށްފައެވެ.
ސޮޗީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު 31 ވަނަ މިނެޓުގައި ޖެހީ ޗެރިޝޭވްއެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާގެ ކެމަރިޗް ވަނީ 39 ވަނަ މިނެޓުގައި ލަނޑެއްޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ.
ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ކްރޮއޭޝިއާގެ ޕެރިސިޗަށް ވަނީ ސްކޯރ ބަދަލުކޮށްލަން ރަނުގެ ފުރިޞަތެއް ލިބިފައެވެ. 60 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ބޯޅަ ގޯލުދަނޑީގައި ޖެހިފައި ނުކުތީ ބޭރަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެޓީމު އެއްވަަރުވެފައި އޮތުމުން 30 މިނެޓުގެ އިތުރު ދެ ހާފު ކުޅުނެވެ. އަދި ކްރޮއޭޝިއާއިން ވަނީ މި ހާފުގައި ލަނޑެއްޖަހާ ލީޑު ނަގާފައެވެ. މި ލަނޑު 101 ވަނަ މިނެޓުގައި ޖަހައިދިނީ ވިދާ އެވެ.
އެހެންނަމަވެސް 115 ވަނަ މިނެޓުގައި ރަޝިއާއަށް ލިބުނު ހިލޭ ޖެހުމެއް ގޯލުކުރިމައްޗަށް ހުރަސްކުރުމުން ފެނާންޑެސް ވަނީ ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނަތީޖާ 2-2 އަށް އެއްވަރުކޮށްފައެވެ.
މި ނަތީޖާ އާއެކު އިތުރު 30 މިނެޓުގެ ކުޅުންވެސް ނިމުމުން ދެން ޖެހުނީ ނަތީޖާ ނެރުމަށް ޕެނަލްޓީ ޝޫޓް އައުޓަށްދާށެވެ.
އެގޮތުން ރަޝިއާގެ ފުރަތަމަ ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު މަތަކުރި އިރު، ކްރޮއޭޝިއާގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކުރިއެވެ. އަދި ރަޝިއާގެ ދެވަނަ ޕެނަލްޓީ ކާމަޔާބު ކުރި އިރު، ކްރޮއޭޝިއާގެ ދެވަނަ ޕެނަލްޓީ ވަނީ ދިފާޢުކޮށްފައެވެ.
އެހެންނަމަވެސް ރަޝިއާގެ 3 ވަނަ ޕެނަލްޓީ ދިޔައީ ބޭރަށެވެ. އަދި ކްރޮއޭޝިއާގެ 3 ވަނަ ޕެނަލްޓީ ދަނޑީގައި ޖެހިފައި ވަނީ ގޯލު ތެރެއަށެވެ.
ރަޝިއާ އާއި ކްރިއޭޝިއާގެ 4 ވަނަ ޕެނަލްޓީވެސް ކާމިޔާބު ކުރި އިރު، ރަޝިއާގެ 5 ވަނަ ޕެނަލްޓީވެސް އެޓީމުން ކާމިޔާބުކުރިއެވެ. އެންމެފަހު ޕެނަލްޓީ ޖަހައިގެން 3-4 ގެ ނަތީޖާއަކުން ސެމީފައިނަލުގެ ފަހުޖާގަ ކަށަވަރުކުރީ ކްރޮއޭޝިއާ އިންނެވެ.
މިއީ ފިފާ ވަރލްޑް ކަޕްގެ ކްއާޓަރ ފައިނަލުގައި ޕެނަލްޓީ ޝޫޓް އައުޓުން ނަތީޖާ ނެރެންޖެހުނު ފުރަތަމަ މެޗެވެ.