ހަތަރު ކުދިން ހޮހަޅައިން ސަލާމަތް ކުރުމަށްފަހު "މިޝަން-އޭ" 10 ގަޑިއިރަށް މެދުކަނޑާލައިފި

ކިޔުމަށް ހޭދަވާނީ 1މ 13ސ
ހަތަރު ކުދިން ހޮހަޅައިން ސަލާމަތް ކުރުމަށްފަހު "މިޝަން-އޭ" 10 ގަޑިއިރަށް މެދުކަނޑާލައިފި
ތައިލެންޑްގެ ތަމް ލުއަންގް ހޮހަޅައިގައި ތާށިވެފައި ތިބި 12 ފިރިހެން ކުދިންނާއި އެކުދިންގެ ފުޓްބޯޅަ ކޯޗު ސަލާމަތް ކުރުމަށް މިއަދު ފެށި ޚާއްސަ "މިޝަން-އޭ" ގެ ދަށުން ހަތަރު ކުދިން ސަލާމަތް ކުރުމަށްފަހު، މަދުވެގެން 10 ގަޑިއިރަށް އެމިޝަން މެދުކަނޑާލައިފިއެވެ.

މީޑިއާ ރިޕޯޓުތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އެމުއްދަތަށް މިމިޝަން މެދުކަނޑާލީ ޑައިވަރުން އަރާމުު ކޮށްލުމަށާއި ކުދިން ސަލާމަތް ކުރުމަށް ބޭނުން ކުރަމުންދިޔަ ވަސީލަތްތައް އިތުރު ކުރުމަށްޓަކައެވެ.

ހޮހަޅައިގައި ތާށިވީ ކުދިންގެ ތެރެއިން ސަލާމަތް ކުރެވުނު ހަތަރު ކުދިން ހޮސްޕިޓަލަށް ގެންދެވިފައިވާއިރު، ހޮހަޅަ ތެރޭގައި ތިބި ކުދިންނަށް ކާބޯތަކެއްޗާއި އެހެނިހެން ސިއްޙީ ގޮތުން ބޭނުންކުރެވޭނޭ ތަކެތި ފޯރުކޮށްދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ޗިއަންގް ރައި ގެ އޮފިޝަލުން މިދުވަސް ފާހަގަ ކޮށްފައިވަނީ "ޑީ-ޑޭ" ގެ ގޮތުގައެވެ. ހަހޮޅައިގައި ތާށިވެފައިތިބި ކުދިންނާއި ކޯޗު ސަލާމަތް ކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ތަޖުރިބާކާރު ޑައިވަރުން ގެނެސްފައިވާއިރު، މިމަސައްކަތް ފުރިހަމަ ކުރުމަށް ވެސް އެމީހުންނަށް ލިބިފައިވަނީ ކުޑަ ވަގުތުކޮޅެކެވެ. ވިއްސާރަ މޫސުން އަނެއްކާވެސް އައުމުގެ ކުރިން އެކުދިންނާއި ކޯޗު ހޮހަޅައިން ސަލާމަތް ކުރަން ޖެހޭ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

މީގެއިތުރުން އޮފިޝަލުން ބުނެފައިވަނީ، ހޮހަޅައިން ސަލާމަތް ކުރާ ކުދިން ސަލާމަތުގެ އައްސޭރިއާއި ހަމައަށް ގެންނަން ޖެހެނީ ވަރަށް ހަނި ދޭތެރެއިން ކަމަށާއި ފެންގަނޑުގެ އަޑިން އެކުދިންނަށް ފެންނާނީ ވަރަށް ފުސްކޮށް ކަމަށްވާތީ، ވަރަށް ރަނގަޅަށް ކުދިންނަށް ބަލަން ޖެހޭ ކަމަށެވެ.
މިއަދު އޮންލައިން