ޖަލުގަ އޮންނަންވެސް ޤައުމަށް ދާން ބޭނުން: ނަވާޒް ޝަރީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޖަލުގަ އޮންނަންވެސް ޤައުމަށް ދާން ބޭނުން: ނަވާޒް ޝަރީފް
10 އަހަރުގެ ޖަލު ޙުކުމް އިއްވާފައިވުމުން ޖަލުގައި އޮންވަން ޖެހިވަޑައިގެންނެވި ނަމަވެސް ޤައުމަށް ވަޑައިގަންނަވަން ބޭނުންފުޅު ކަމަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

ނަވާޒް މިހެން ވިދާޅުވެފައިވަނީ ލަންޑަނުން ޕާކިސްތާނުން ވަޑައިގަންނަވަން ކުރައްވާ ދަތުރުފުޅުގައި އަބޫދާބީއަށް ވަޑައިގަތުމުން ލާހޯރަށް ދަތުރުކުރައްވާ އިއްތިހާދު އެއާވޭޒްގެ ފްލައިޓް ފުރުން ލަސްވުމުން އެއާޕޯޓްގައި ހުންނެވިއިރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ނަވާޒް ވިދާޅުވީ ޕާކިސްތާނަށް ވަޑައިގަންނަވަން ނިންމެވީ އޭނާގެ މައްޗަށް 10 އަހަރުގެ އަދި ދަރިކަނބަލުން މަރްޔަމްގެ މައްޗަށް 7 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާކަން އެނގިވަޑައިގެން ހުންނަވައި ކަމަށެވެ.

ނަވާޒް ވިދާޅުވީ ޕާކިސްތާނުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި ކަންކަން ބަދަލުކުރަންޖެހިފައިވާ ކަމަށެވެ. މީޑިއާގެ މިނިވަންކަމަށް ހުރަސްތައް އެބަހުރި ކަމަށާއި އެމަނިކުފާނުގެ ޕާޓީއަށް ކެންޕޭނުކުރާ އިސް މީހުން ހައްޔަރުކުރަމުން ގެންދާ ކަމަށެވެ. އަދި މިހާލަތުން ޕާކިސްތާނު ސަލާމަތްކުރެވޭނީ އެކަމަށް ބައަކު ކުރިމަތިލައި މަސައްކަތްކޮށްގެން ކަމަށެވެ.

ޢާންމުކޮށް އަބަދުވެސް ގަޑިއަށް ފުރާ ފްލައިޓް މިއަދު ލަސްވާންޖެހުނު ސަބަބަށް ވިސްނުމަށްވެސް ނަވާޒް ވަނީ ރައްޔިތުންނަށް ގޮވާލައްވައިފައެވެ. ބެލެވޭ ގޮތުން ޕާކިސްތާނަށް ވަޑައިގަތުމުން ނަވާޒް ޝަރީފް އާއި މަރްޔަމް ހައްޔަރުކުރާނެއެވެ.
މިއަދު އޮންލައިން