އުރީދޫ އިން ހަދިޔާކޮށްފައިވާ ސީ އެމްބިއުލަންސްތައް ރަސްމީކޮށް މިނިސްޓްރީ އާއި ހަވާލުކުރުމަށް މިއަދު އިއްޒުއްދީނު ފާލަންކައިރީގައި ހާއްސަ ރަސްމިއްޔާތެއް ކުރިއަށްގެންގޮސްފައި ވެއެވެ. މި ރަސްމިއްޔާތުގައި އުރީދޫ ގްރޫޕްގެ ޗެއާމަން، އައްޝައިޚް އަބްދުﷲ ބިން މުހައްމަދު ބިން ސައުދް އަލް ޘާނީ، މިނިސްޓަރ އޮފް ހެލްތް، އޮނޮރަބަލް އަބްދުﷲ ނާޒިމް އިބްރާހިމް، މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، ހޮނަރަބަލް މުހައްމަދު ސައީދު،މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ، މުހައްމަދު ޒުހެއިރު، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނަރަލް އަހްމަދު ޝާހިދު، އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯ، ވަލީދް މުހައްމަދު އަލް ސާއްޔިދް، އުރީދޫ މޯލްޑިވްސް ބޯޑުގެ ޗެއާމަން، ޚާލިދް ބިން އިބްރާހިމް އަލް މަޙްމޫދު، ޗީފް އޮފް ސްޓާފް އޮފް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، މޭޖަރ ޖެނަރަލް އަހްމަދު ޝިޔާމް، އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޚާން، އަދި ދިވެހި ސަރުކާރު، އުރީދޫ ގްރޫޕް އަދި އުރީދޫ މޯލްޑިވްސްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
"ދިވެހިރާއްޖެއަކީ ގިނަ ރަށްތަކުގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާޤައުމަކަށްވެފައި، އެކި ހިސާބުތަކަށް ބެހިފައިވާ ކުދި ބޮޑު އާބާދީތަކަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ބޮޑެތިގޮންޖެހުންތަކެއް ވަނީ ކުރިމަތިލާން ޖެހިފައި. އެހެނަސް ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ރާއްޖޭގެ ސިއްޙީ ދާއިރާއަށް އަދި ޑެވެލޮޕްމަންޓް އިންޑިކޭޓަރތަކަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވޭ. މި ދާއިރާ ހަރުދަނާކޮށް، ރަނގަޅު ފެންވަރުގެ ސިއްޚީ ޚިދުމަތްތަކެއްދިވެހި ކޮންމެ ރައްޔިތަކަށްވެސް ފޯރުކޮށްދިނުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާކަމެއް. މިގޮތުން، 2015 ވަނަ އަހަރު ސަރުކާރުން ސީ އެމްބިއުލަންސް ތައާރަފްކޮށްފައިވަނީ، ކުއްލިހާލަތްތަކުގައި ބަލިމީހުން ކަނޑުމަގުން އެއްތަނުން އަނެއްތަނަށް ގެންދިއުމުގެޚިދުމަތް، ރައްކާތެރިކަމާއިއެކު އަވަސް ދުވެލީގައި ފޯރުކޮށްދިނުމަށްޓަކައި.މި މަސައްކަތުގެ މުހިންމުކަން އަމިއްލައަށް ފެނިގެން ފްލީޓަށް އިތުރު ތިން ސީ އެންބިއުލަންސް ހަދިޔާކުރުމާއި ގުޅިގެން، އަދި ފެށުނީއްސުރެ ދިވެހި މުޖުތަމައުގެ ކުރިއެރުމާއި މަންފާ އަށްޓަކައި އުރީދޫއިން ދެމުންދާ އެއްބާރުލުން ފާހަގަކޮށް، އަގުވަޒަންކުރަން." މިނިސްޓަރ އޮފް ހެލްތް، އޮނޮރަބަލް އަބްދުﷲ ނާޒިމް އިބްރާހިމް، ވިދާޅުވިއެވެ.
"ކުއްލިހާލަތްތަކުގައި،ބަލި މީހުންނަށް ކަނޑު ދަތުރުފަތުރު މަގުފަހި ކޮށްދެމުންދާ ރާއްޖޭގެ ފްލީޓަށް، އިތުރު ތިން ސީ އެމްބިއުލަންސް ހަދިޔާކުރެވުމަކީ އަޅުގަނޑުމެންނަށް ލިބުނު އުފަލެއް. މިގޮތުން މިއަދު ދެ ސީ އެމްބިއުލަންސް ހަވާލުކުރެވިފައިވާއިރު، އިތުރު އުޅަނދެއް މިއަހަރު ނިމުމުގެ ކުރިން ހަވާލުކުރުމަށް ވަނީ ހަމަޖެހިފައި.ސިއްޙީ އަސާސުތަކާއި ރައްޔިތުން ގުޅުވާލަދޭ ކޮންމެ ހަރަކާތަކީވެސް އުރީދޫ އަށް މުހިންމު ކަމެއް.އަދި ސިއްޙީ ޚިދުމަތްތަށް ހޯދުމަށް ކަނޑުމަގުން ދަތުރުކުރަންޖެހޭ ފަދަ ހާލަތެެއްގައި، މި ހަދިޔާ ކުރެވުނު ސީ އެމްބިއުލަންސްތަކުގެ ސަބަބުން ބަލި މީހުންނަށް ލުއިފަސޭހަކަމެއް ލިބޭނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން. ހަމައެހެންމެ މިނިސްޓްރީ އޮފް ހެލްތް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވިއަން ރެޑް ކްރެސެންޓާއި ގުޅިގެން، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ ޕްރޮގްރާމެއް ކަމަށްވާ މޮބައިލް ހެލްތް ކްލިނިކްސް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި. އުރީދޫގެ އެކި މާކެޓް ތަކުގައި މޮބައިލް ހެލްތް ކްލިނިކްތަށްމެދުވެރިކޮށް ވަނީ އެކަހެރިވެފައިވާ މުޖުތަމައުތަކަށްސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ރަގަޅު ނަތީޖާތަކެއް ހޯދާފައި، އަދި އަޅުގަނޑު އުއްމީދު ކުރަނީ ރާއްޖެއަށް ވެސްމިފަދަ ފައިދާތަކެއް ލިބިގެންދިއުން." އުރީދޫ ގްރޫޕްގެ ޗެއާމަން، އައްޝައިޚް އަބްދުﷲ ބިން މުހައްމަދު ބިން ސައުދް އަލް ޘާނީ ވިދާޅުވިއެވެ.
މޮބައިލް ހެލްތް ކްލިނިކް އަކީ، ދުނިޔޭގެ ތަފާތު އެކި ހިސާބުތަކުގައިވާ އެކަހެރިވެފައިވާ ނުވަތަ މައި ސިޓީތަކާއި ދުރުގައި އުޅޭ މުޖުތަމައުތަކަށް ހިލޭ ބޭސްފަރުވާ ފޯރުކޮށްދީ، ދުޅަހެޔޮ ސިއްހަތެއް ހޯދުމުގެ މައުލޫމާތު ހިއްސާކޮށް، މުހިއްމު ވިޓަމިންސް ރައްދުކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ، ބެލެނިވެރިންނާއި ކުޑަކުދިންނަށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށާއި، އާންމު ބަލިތަކުން ސަލާމަތްވާނެ ގޮތްތައް އުނގަންނައި ދިނުމެވެ. މޮބައިލް ހެލްތް ކްލިނިކްސްގެ ޕާޓްނަރުންނާއި އެކު، އުރީދޫ އިން އަމާޒު ކުރަނީ މިފަދަ ޕްރޮގްރާމަކުން އެންމެ ފައިދާކުރާނެ ރަށްތަކުގައި ހެލްތް ކޭމްޕުތައް ބޭއްވުމަށެވެ.
"ޔުނައިޓެޑް ނޭޝަންސް އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އިސްކަންދީގެން އުރީދޫ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ތިންވަނަ ލަނޑުދަނޑި ކަމުގައިވާ "ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަން" އަކީ އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއްދޭ ދާއިރާއެއް. މިގޮތުން ސީ އެމްބިއުލަންސް ތަކަށާއި މޮބައިލް ހެލްތް ކްލިނިކްތަކަށް އުރީދޫ އިން ކޮށްފައިވާ އިންވެސްޓްމަންޓަކީވެސް، މި ލަނޑުދަނޑިތަކަށް އެއްބާރުލުން ދިނުމަށް އަޅާފައިވާ ފިޔަވަޅެއް، އަދި މިކަންތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައުމަކީ އަޅުގަނޑުމެންގެ މަޤްސަދު އަދި އުއްމީދު." އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.
އުރީދޫ އިން މިއަދު ހަދިޔާކޮށްފައިވަނީ، ދެ ބަލިމީހުންގެ އެނދާއި އެކު އިތުރު 12 ޕެސެންޖަރުންނަށް ދަތުރު ކުރެވޭ، 40 ފޫޓުގެ އުޅަނދެވެ. އަދި ދަތުރުވެރިންގެ ރައްކާތެރިކަމަށްޓަކައި ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ސިސްޓަމް ހައްޔަރުކުރެވިފައިވެއެވެ. ހަމައެހެންމެ ކޮންމެ އުޅަނދެއްގައިވެސް ދެ އޮކްސިޖަން ސިލިންޑަރާއި އެކު، ކޮންމެހެން ބޭނުންވާ އިތުރު ސަލާމަތީ އާލާތްތައް ވަނީ ހިމެނިފައެވެ.
މުޖުތަމައުގެ މަންފާއަށް މަސައްކަތް ކުރާ ކުންފުންޏަކަށް ވެފައި، ދިވެހި ރައްޔިތުންނަށް އިޤްތިސާދީ އަދި އިޖްތިމާއީ ފައިދާތައް ކުރާނެފަދަ ހަރަކާތްތައް އުރީދޫ އިން ކުރިއަށް ގެންދާނެ އެވެ.