ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ހެކަތޯން "އޭންޖެލްހެކް" އިވެންޓުގެ އެއްވަނަ ޓީމަކަށް ފިންވައިސް ޓީމު ހޮވިއްޖެއެވެ.
އެއްވަނައަށް ދިޔަ ޓީމަށް ބައިނަލްއަގުވާމީ އެކްސެލެރޭޓާ ޕްރޮގްރާމަކަށް ދިޔުމުގެ ފުރުސަތުވެސް ވަނީ ލިބިފައެވެ.
"އޭންޖެލްހެކް މޯލްޑިވްސް" ގެ ނަމުގައި ހެކަތޯން މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ހޮޓެލް ޖެން ގައެވެ.
މުޅިއަކު 60 ބައިވެރިންނާއިއެކު ކުރިއަށް ގެންދިޔަ މިހެކަތޯންގެ ނިމުން ދިރާގުން ވަނީ އިއްޔެ ފާހަގަ ކޮށްފައެވެ.
މިހެކަތޯން އިން އެއްވަނައަށް ދިޔަ "ފިންވައިސް" ޓީމަކީ ރާއްޖޭގެ ސްފްޓްވެއާ ޑިވެލޮޕިންގ ކުންފުންޏެއް ކަމަށްވާ "ކޯޑް ފްލައި" ގެ ޑިވެލޮޕަރުންގެ ޓީމެކެވެ.
"އެންޖެލްހެކް މޯލްޑިވްސް" ހެކަތޯން ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮމްޕިއުޓާރ ޓެކްނޮލޮޖީގެ ހުނަރުވެރި ގިނަ ޒުވާނުންތަކެއް ބައިވެރިވެ، ތަފާތު އެކި އެޕްލިކޭޝަންތަކާއި ސޮފްޓްވެއާތައް ކޯޑުކޮށް ޓެސްޓުކުރުމާއި ލޯންޗުކުރުން ފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މިހެކަތޯން އިން އެއްވަނަ އަށް ދިޔަ "ފިންވައިސް" ޓީމަށް "އެންޖެލްހެކް" ގެ އެކްސެލެރޭޓާރ ޕްރޮގްރާމް "ހެކްސެލެރޭޓާ" ގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ލިބިފައެވެ.
"ހެކްސެލެރޭޓާ" އަކީ ދުނިޔޭގެ ޓެކްނޮލޮޖީގެ އެންމެ ބޮޑު ނާރެސް ކަމުގައިވާ އެމެރިކާގެ ސެން ފްރެންސިސްކޯ ގެ ސިލިކޮން ވެލީގައި ކުރިއަށްދާ ބައިނަލްއަގުވާމީ އެކްސެލެރޭޓާ ޕްރޮގްރާމެކެވެ.