ޓޮރޮންޓޯއަށް ދިން ބަޑީގެ ހަމަލާތަކެއްގައި ގިނަ ބަޔަކު މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 51ސ
ޓޮރޮންޓޯއަށް ދިން ބަޑީގެ ހަމަލާތަކެއްގައި ގިނަ ބަޔަކު މަރުވެއްޖެ
ކެނެޑާގެ ޓޮރޮންޓޯ ސިޓީއަށް ދިން ބަޑީ ހަމަލާތަކެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

އެޤައުމުގެ ފުލުހުންގެ މީޑިއާ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ބަޑީގެ ހަމަލާތައް ދޭން ފަށާފައިވަނީ ކެނެޑާ ގަޑިން ރޭ 22:00 ހާއިރު ގްރީކްޓައުން ގެ ލޯގަން އެންޑް ޑެންފޯތު އެވެނިއުސް ގެ ކަންމަތިން ކަމަށެވެ.

މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދިހަ މީހުންނާއި ކުޑަކުއްޖެއް މިހަމަލާތަކުގެ ސަބަބުން މަރުވެފައިވެއެވެ.

ސިޓީ ނިއުސްގެ ރިޕޯޓަރެއް ކަމުގައިވާ ޖެރެމީ ކޯން އޭނާގެ ޓްވީޓެއްގައި ބުނެފައިވަނީ، ބަޑީގެ ހަމަލާތަކުގައި މަރުވި މީހުން މަގުގެ އެކި ދިމަދިމާލަށް ވެއްޓިފައިވާ ކަމަށް، މަންޒަރު ދުށް މީހަކު މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މުޅިއަކު 25 ވަރަކަށް ފަހަރު ބަޑިޖެހި އަޑު އިވުނު ކަމަށް އެމީހާ މައުލޫމާތު ދިން ކަމަށް ވެސް ޖެރެމީ ބުނެފައިވެއެވެ.

ރިޕޯޓު ލިބިފައިވާ ގޮތުގައި މިހަމަލާތައް ދިން މީހާ ވެސް މިހާރު ވަނީ މަރުވެފައެވެ.

ހަތިޔާރު ހިފައިގެން ފުލުހުންނާއި އެމެޖެންސީ ޚިދުމަތްދޭ ފަރާތްތަކުން އެސަރަޙައްދުގައި މިވަގުތު ވެސް ހަރަކާތްތެރިވަމުން އެބަ ދެއެވެ.
މިއަދު އޮންލައިން