އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މޯލްޑިވް ގޭސް ފުޅި އޯޑަރުކޮށް ފައިސާ ދެއްކޭނެ ޚިދުމަތް ތަޢާރަފްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 22ސ
އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މޯލްޑިވް ގޭސް ފުޅި އޯޑަރުކޮށް ފައިސާ ދެއްކޭނެ ޚިދުމަތް ތަޢާރަފްކޮށްފި
އުރީދޫގެ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް، މޯލްޑިވް ގޭސް ފުޅިއަސް އޯޑަރކޮށް އަދި ފަސޭހަކަމާއިއެކު ފައިސާ ދެއްކޭ ނިޒާމެއް، އުރީދޫ މޯލްޑިވްސް އާއި މޯލްޑިވް ގޭސް ގުޅިގެން ތައާރަފްކޮށްފިއެވެ.
ބޭނުންކުރަން ފަސޭހަ މި ޚިދުމަތް ތައާރަފްކޮށްފައިވަނީ، މޯލްޑިވް ގޭސްގެ ޗެއާޕާސަން، އަހުމަދު ޝިފާން، އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަބްދުﷲ މައުމޫން، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާން އަދި ދެކުންފުނީގެ މުވައްޒަފުންގެ ބައިވެރިވުމާއި އެކު ސޯޝަލް ސެންޓަރ ގައި މިރޭ ބޭއްވުނު ޚާއްސަ ޙަފްލާއެއްގައެވެ.

އުރީދޫ އެމް-ފައިސާ އެޕް މެދުވެރިކޮށް މިހާރު ފަސޭހަކަމާއި އެކު، ކޮންމެ ތާކު ތިއްބަވައިގެންވެސް މޯލްޑިވް ގޭސްގެ ޚިދުމަތްތަކަށް އޯޑަރ ކުރެވޭނެއެވެ. އަދި މި އެޕް މެދުވެރިކޮށް، ގޭސް ފުޅިތަކަށް ފައިސާ ދެއްކެވޭނެއެވެ.

"އުރީދޫ އިން ރާއްޖޭގައި ހޭދަކޮށްފައިވާ ތޭރަ އަހަރު ތެރޭގައި، އަޅުގަނޑުމެން ވަނީ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފަސޭހަކަމާއި، ފުދުންތެރިކަން ގެނެސްދިނުމަށްޓަކައި ގިނަ އިންވެސްޓްމަންޓުތަކެއް ކޮށްފައި. މިގޮތުން، މިއަދު މޯލްޑިވް ގޭސް އާއި ގުޅިގެން ފެށުނު ތަފާތު ޚިދުމަތުގެ ސަބަބުން، ގޭސްފުޅި އަށް އޯޑަރު ކޮށް، ފައިސާ ދެއްކުމުގައި ފަސޭހަތަކެއް ލިބޭނެކަމަށް ޔަގީން ކުރަން. ހަމައެހެންމެ އަޅުގަނޑުމެން އިތުރަށްވެސް މަސައްކަތް ކުރަމުންދާނީ، މިފަދަ އާންމު ދިރިއުޅުމުގައި ބޭނުންކުރަން ޖެހޭ ތަފާތު އެކި ޚިދުމަތްތައް ހޯއްދެވުން ޑިޖިޓަލްކޮށް، އިތުރަށް


ފަސޭހަކޮށްދިނުމަށް." އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ހާން ވިދާޅުވިއެވެ.

އުރީދޫއެމް-ފައިސާ އަކީ ކޮންމެ ތާކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ. މިއީ ކަރަންޓު، އިންޓަނެޓް ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްއެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، މީޑިއާނެޓް، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި މިއަދުން ފެށިގެން މޯލްޑިވް ގޭސްގެ ބިލްތައް ހިމެނެއެވެ.

އެމް-ފައިސާ އެޕް މެދުވެރިކޮށް ރެޖިސްޓަރ ކޮށްގެން، މި ފަސޭހަ ޚިދުމަތްތައް ވަގުތުން ބޭނުން ކުރަން ފެށޭނެއެވެ. މި އެޕް ޑައުންލޯޑު ކުރެއްވުމަށް،ore.do/mm އަށް ޒިޔާރަތް ކުރައްވާށެވެ. ހަމައެހެންމެ، އެމް-ފައިސާ ޚިދުމަތާއި ބެހޭ އިތުރު މައުލޫމާތް ހޯއްދެވުމަށް، އުރީދޫ ވެބްސައިޓް (www.ooredoo.mv/mfaisaa) އަށް ޒިޔާރަތް ކުރެއްވުމަށް އުރީދޫން ވަނީ އެދިފައެވެ.
މިއަދު އޮންލައިން