އިންޑިއާގެ ކެރަލާ ސްޓޭޓަށް ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 164އަށް އަރައިފިއެވެ. ކޮޗިން އެއާޕޯޓް މިހާރު ވަނީ މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް ބަންދުކުރިކަން އިއުލާންކޮށްފައެވެ. ހާލަތު ބައްލަވައި ލެއްވުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ޓްރިވެންޑްރަމަށް ވަޑައިގަންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
މެޓް އޮފީހުން ބުނަނީ މާދަމާ އިން ފެށިގެން ވާރޭ ވެހޭ މިންވަރު މަދުވާން ފަށާނެ ކަމަށާއި މޫސުން ރަނގަޅުވާން އަދިވެސް ދެ ތިން ދުވަސް ނަގާނެ ކަމަށެވެ.
އެންމެ ބޮޑަށް ފެން ބޮޑުވެފައިވާ އަވަށްތަކުގައި ހާލުގައި ޖެހިފައި ތިބި މީހުން ސަލާމަތް ކުރުމަށް ނޭވީން ގެންދަނީ ހެލިކޮޕްޓަރު ބޭނުންކުރަމުންނެވެ.
ހެލިކޮޕްޓަރުގައި ސަލާމަތްކުރި މާބަނޑު އަންހެނަކު ވަނީ އެއްމާބަނޑު ދެކުދިން ވިހައިފައެވެ. ޑޮކްޓަރުން ވަނީ ނޭވީން ކުރި މަސައްކަތްތަކަށް ތައުރީފްކޮށްފައެވެ.
ރަސްމީ އަދަދުތައް ބުނާ ގޮތުން 4،000 އަށްވުރެ ގިނަ މީހުން ވަނީ ސަލާމަތީ ތަންތަނަށް ގެންގޮސްފައެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް މިހާރު ވަނީ ޢާންމުންގެ އެހީތެރިކަމަށް އެދި ފަންޑްވެސް ހުޅުވައިފައެވެ.