"ކައުރީ" އިން ނިރު ހެކަތަން 2018 ކާމިޔާބުކޮށް، ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަރ ޕްރޮގްރާމަށް 4 ޓީމެއް ހޮވިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 27ސ
"ކައުރީ" އިން ނިރު ހެކަތަން 2018 ކާމިޔާބުކޮށް، ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަރ ޕްރޮގްރާމަށް 4 ޓީމެއް ހޮވިއްޖެ
މާލީ ހޭލުންތެރިކަމާއި ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރާނެ ފިނޭންޝަލް ޕްލެޓްފޯމް ކަމަށްވާ ކައުރީ، އުރީދޫގެ ނިރު ހެކަތަން ކާމިޔާބުކޮށް، އިތުރު ތިން ޓީމަކާއި އެކު ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓާ ޕްރޮގްރާމުގައި ބައިވެރިވުމަށް ގޯލްޑަން ޓިކެޓް ހޯދައިފިއެވެ. މިގޮތުން، ނިރު އެކްސެލެރޭޓާރގައި ބައިވެރިވުމަށް ފުރުސަތު ލިބިފައިވަނީ:

• ކައުރީ: މާލީ ކަންކަމާއި ބެހޭ ސުވާލުތަކަށް، ފަސޭހައިން ދޭހަވާނޭ ގޮތަށް ޖަވާބު ފޯރުކޮށްދޭ ޗެޓްބޮޓެއް.

• ކުނބު: ފަސޭހަކަމާއި އެކު އުޅަނދުތައް ހޯދައި، ދަތުރުތަކަށް ޓިކެޓްނަގައި، އުޅަނދުތައް ކުއްޔަށް ނެގުމަށް ބޭނުންކުރާނެ ސެންޓްރަލައިޒްކޮށްފައިވާ ސީ ޓްރާންސްފާ މެނޭޖްމަންޓް ސިސްޓަމެއް.

• ޖަވާބު އެކެޑެމީ: ޖޯގްރަފީގެ ސަބަބުން ކިޔެވުމުގެ ފުރުސަތު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، އޮންލައިންކޮށް ދިވެހިބަހުން ކިޔަވައިދޭ ޕްލެޓްފޯމެއް.

• ފްލޯބޯ: އިންޓެގްރޭޓެޑް ލޮޖިސްޓިކްސް އަދި ސަޕްލައި ސޮލިއިޝަންތައް ފޯރުކޮށްދޭ ބީ2ބީ ޕްލެޓްފޯމެއް.

ނިރު އެކްސެލެރޭޓަރ އަކީ ދިވެހި މުޖުތަމަޢަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ، ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި، ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި އެކްސެލެރޭޓާރ ޕްރޮގްރާމުގައި ބައިވެރިވެވެނީ، އުރީދޫ އާއި ޑައިލޮގް އެކްޒިއާޓަރ ޕލސ. ގެ އައޑިއާމާޓް ގުޅިގެން މި ހަފްތާ ބަންދުގައި ކުރިއަށްގެންދިޔަ ނިރު ހެކަތަންގައި ވާދަކޮށް ހޮވުނު ޓީމްތަކަށެވެ.

ނިރު އެކްސެލެރޭޓަރއަކީ ބޭނުންވާ ރިސޯސްތަކާއި ތަޖުރިބާކާރު މެންޓަރުންގެ އެހީގައި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގަތުމަށް ވަރަށް އެކަށޭނަ ޕްލެޓްފޯމެކެވެ. އެކްސެލެރޭޓަރަށް ހޮވާލެވޭ ޓީމް ތަކަށް ސީޑް ފަންޑިންގް، 12 ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމެއް، މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި އެކްސްޕާޓުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވޭނެއެވެ. ހަމައެހެންމެ، ޓްރެއިނިންގް ޕްރޮގްރާމް ނިމުމަކަށް އައުމުން، އިތުރު އިންވެސްޓްމަންޓް ފުރުސަތުތަކަށް ޕިޗްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ. އަދި ނިރު އެކްސެލެރޭޓަރު ފުރިހަމަކުރުމަށް ފަހުވެސް، ދިގުމުއްދަތަށް ދެމިގެންދާނެ މުހިންމު ފައިދާތަކާއި ޕާޓްނާޝިޕް ފުރުސަތުތައް ބައިވެރިންނަށް ލިބިގެންދާނެއެވެ.

"އުރީދޫއިން ނިރު ފަށާފައިވަނީ ދިވެހިރާއްޖޭގެ ސްޓާޓް-އަޕް އީކޯސިސްޓަމް އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވެ، ބައިނަލްއަޤްވާމީ ޑިޖިޓަލް ރިވޮލިއުޝަންގައި ބައިވެރިވުމަށް ދިވެހިންނަށް އެހީތެރިވެދީ، ހިތްވަރުދިނުމުގެ ގޮތުންނެވެ. މިދެދުވަހު ކުރިއަށްގޮސްފައިވާ ނިރު ހެކަތަންގައިވެސް ވަނީ ދިވެހި ޑެވެލޮޕަރުންނާއި، އެންޓްރެޕްރިނިއަރުންގެ ކުޅަދާނަކަން ފެނިފައި. މިގޮތުން، ނިރު އެކްސެލެރޭޓާރ މެދުވެރިކޮށް މި ޓީމްތަކުގެ ސްޓާޓް-އަޕް ވިޔަފާރިތައް ބިނާ ކުރުމަށް ބޭނުންވާ ޓޫލްތަކާއި، ތަޖުރިބާކާރު މެންޓަރުންގެ އެހީތެރިކަން ހޯދައިދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް." އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

ހޮޓެލް ޖެންގައި ކުރިއަށްގެންގޮސްފައިވާ މި ފޯރިގަދަ 24 ގަޑިއިރުގެ ހެކަތަންގައި، ހަ ޓީމެއް ބައިވެރިވެ، ޑިޖިޓަލް ވިޔަފާރިތަކުގެ ކޮށްސެޕްޓް ވަނީ ހުށަހަޅާފައެވެ. މި ޓީމްތަކުގެ ވިޔަފާރީގެ ޚިޔާލުތައް އިތުރަށް ފައްކާކޮށް، ޕްރޮޓޯޓައިޕް ހެދުމުގައި އުރީދޫ، އައިޑިއާމާޓް އަދި އެލައިޑްގެ މެންޓަރުންގެ އެހީވަނީ ފޯރުކޮށްދީފައެވެ. ހެކަތަންގައި ބައިވެރިވި ޓީމް ތަކުން، އެކްސެލެރޭޓާރގައި ބައިވެރިވުމަށް ޓީމްތައް ހޮވާފައިވަނީ، ރާއްޖޭގެ ފުންނާބުއުސް ވިޔަފާރިވެރިންނާއި ތަޖުރިބާކާރުން ހިމެނޭ ޖަޖުންގެ ކޮމިޓީއަކުންނެވެ.

ޑިޖިޓަލް ދުނިޔޭގައި ބައިވެރިވުން އިތުރުކޮށް، ޑިޖިޓަލް އާލާތްތައް މެދުވެރިކޮށް ކުރިއެރުން ހޯދުމަށް ދިވެހިންނަށް އެއްބާރުލުންދިނުމަށްޓަކައި، ނިރު އެކްސެލެރޭޓާރ، ސްމާޓް ސިޓީޒް ޕްރޮޖެކްޓް، މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް، ޑިޖިޓަލް ލިޓަރަސީ ޕްރޮގްރާމް ފަދަ ގިނަ ހަރަކާތްތަކެއް އުރީދޫ އިން ކުރިއަށްގެންދެއެވެ.
މިއަދު އޮންލައިން