ސާފް ސުޒުކީ ކަޕްގެ ގްރޫޕް ބީގެ ފުރަތަމަ މެޗު އިންޑިއާއިން ކާމިޔާބުކޮށްފިއެވެ.
އިންޑިއާއިން މި މެޗު ކާމިޔާބުކުރީ ސްރީލަންކާގެ މައްޗަށް 0-2 އިން ކުރި ހޯދައިގެންނެވެ.
ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ މި މުބާރާތަށް އިންޑިއާއިން ނެރެފައިވަނީ ޒުވާން ޓީމެކެވެ. މިއަދުގެ މެޗު ފަށައިގެން 10 ވަރަކަށް މިނެޓުން ފެށިގެން އިންޑިއާއިން ލަންކާގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ. ނަމަވެސް މި ހަމަލާތަކުގެ ހުރަހަކަށްވީ ރާއްޖޭގެ ކްލަބް އީގަލްސްއަށް ކުޅެމުންއަންނަ ސުޖަން ޕެރޭރާއެވެ.
ދޭތެރެ ދޭތެރެއިން ލަންކާއިންވެސް އިންޑިއާގެ ގޯލަށް ނުރައްކާ ކުރަމުންދިޔަނަމަވެސް 34 ވަނަ މިނެޓުގައި ލީޑުނެގީ އިންޑިއާ އިންނެވެ. މި ލަނޑު ޖަހައިދިނީ ޕޫނޭ ސިޓީއަށް ކުޅެމުން އަންނަ 21 އަހަރުގެ ޒުވާން ކުޅުންތެރިޔާ އާޝިގް ކުރްނިއަންއެވެ.
ފުރަތަމަ ހާފު މިގޮތަށް ނިންމާލާ، ދެވަނަ ހާފުގައި އިންޑިއާއިން އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށް 3 ޕޮއިންޓު ޔަގީން ކުރިއެވެ. މިލަނޑު ޖަހައިދިނީ ލަލްރިންޒްއާލާ އެވެ.
ގްރޫޕް ބީގައި އަންނަ ހުކުރުދުވަހު އިރުއޮއްސި 18:00ގައި ބައްދަލުކުރާނީ ދިވެހިރާއްޖެ އާއި ސްރީލަންކާއެވެ.