ތަފާތު ކުލަތަކާއި އެކު، އުފާވެރި މާޙައުލެއްގައި ބާއްވާ އުރީދޫގެ މަޤްބޫލު ކަލަރރަން އަންނަ ނޮވެމްބަރ މަހުގެ 23 ވަނަ ހުކުރު ދުވަހު ބާއްވާނެކަމަށް އުރީދޫ އިން އިއުލާންކޮށްފިއެވެ. 2017 ފަށާފައިވާ، އަދި ރެކޯރޑް އަދަދަކަށް ދުވުންތެރިން ބައިވެރިވި ދުވުން މިއަހަރު ބޭއްވިގެންދާނީ އިތުރު ފޯރިގަދަކަމާއި، ތަފާތު ސަޕްރައިޒް ތަކާއި އެކުއެވެ.
"އުރީދޫ ކަލަރރަން ފެށިގެންދިޔައީ ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމަށް، ދުވުމަކީވަރަށް ފައިދާހުރި އަދި އެހާމެ އުފާވެރިކަން ގެނުވަދޭ ހަރަކާތެއްކަން އަންގައިދިނުމުގެ އަމާޒާއި އެކު. މިދިޔައަހަރުގެ ކުލަގަދަ އަދި އެހާމެ އުފާވެރިކަމުން ފުރިފައިވާ ކަލަރރަން އަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބޭފުޅުން ބައިވެރިވި ދުވުމަށްވުމަކީ، އަޅުގަނޑުމެންނަށް ލިބުނު ހިތްވަރެއް. އަދި އަޅުގަނޑުމެން މަސައްކަތް ކުރާނީ، މިއަހަރުގެ ކަލަރރަން އަކީ ކުރިއަށްވުރެވެސް ފޯރިގަދަ، އަދި ތަފާތު ދުވުމަކަށް ހެދުމަށް." އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.
އުރީދޫ ކަލަރރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ ސިއްހަތަށް ފައިދާހުރި އަދި މަޖާ ހަރަކާތެއްކަން އަންގައިދިނުމެވެ.ތަފާތު ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭފަދަމަޖާ އިވެންޓެކެވެ. އުރީދޫ ކަލަރރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރެއެވެ. އަދި ކުލަ ސްޓޭޝަންތަކުގައި ރާއްޖޭގެ ހުނަރުވެރިމިޔުޒިކީ ފަންނާނުންގެ މިއުޒިކް އަޑުއިވިގެންދާނެއެވެ. މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ އަދި ނަށަމުން ދުވުންނިންމި ބައިވެރިންނަށްވެސް މެޑަލްދީ، ދުވުމުގެ ނިމުން ފާހަގަކުރާނެއެވެ.
އުރީދޫ ކަލަރރަންގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ދުވުން ނިމުމުން އެންމެ އެންޓަރޓެއިނިންގ ދުވުންތެރިޔާ އަދިއެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ފަދަ މަޖާ އިނާމުތައް ހޮވިގެންދާނެއެވެ.
އުރީދޫ ކަލަރރަންގެ ރަޖިސްޓްރޭޝަން ފެށިގެންދާނީ، މި ސެޕްޓެމްބަރ މަހުގެ ފަހުކޮޅެވެ. އަދި މިދިޔަ އަހަރާއި އެއްފަދައިން އުރީދޫކަލަރރަންގެ އޮފިޝަލް ޗެރިޓީ ޕާރޓްނަރއެއް ހޮވައި، މިދުވުމުގެ ކިޓް ތައް ވިއްކައިގެން ލިބޭ ވަކިޕަސެންޓެއްގެ ފައިސާ އެފަރާތަށް ހަދިޔާކުރުމަށް ވަނީހަމަޖެހިފައެވެ. އަދި އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މަގުފަހިކޮށްދެވޭނެއެވެ.
ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންނަށް ވެސް، އުރީދޫ ކަލަރރަން ގައި ބައިވެރިވުމަށް، އުރީދޫ އިން ދައުވަތު އަރުވަމެވެ.